މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކުރި ޒުވާން ފިރިހެން ކުއްޖަކު، އެ ތަކެއްޗާ ހަވާލު ނުވެއްޖެނަމަ އޭނާގެ މަންމަ ހައްޔަރުކޮށްގެން ގެންދާނެ ކަމަށް ފުލުހުން ބުނެ ބިރު ދެއްކި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
މިމައްސަލަ ފެންމަތިވެފައި މިވަނީ ފުލުހުންގެ މުއައްސަސާއަށް ދައުލަތުގެ ބަޖެޓުން އަހަރަކު ދެ ބިލިއަން ރުފިޔާ ހަރަދު ކުރާ ކަމަށާއި އެވަރުގެ ހޭދައެއް ކުރާއިރު ދައުލަތާއި ރައްޔިތުންގެ ބޮޑެތި އުއްމީދުތަކެއް ފުލުހުންނާމެދު އޮންނާނެ ކަމަށް ހޯމް މިނިސްޓަރު ވިދާޅުފައި ވަނިކޮށެވެ.
މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި އުމުރުން 20 އަހަރުގެ ޒުވާނަކު، އޭނާ އެ ތަކެއްޗާ ހަވާލު ނުވެއްޖެނަމަ އޭނާގެ މަންމަ ހައްޔަރުކޮށްގެން ގެންދާނެ ކަމަށް ފުލުހުން ބުނި ކަމަށް ބުނާ މައްސަލަ މިއަދު ހާމަވީ އެ މައްސަލައިގައި އެ ޒުވާނާ ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު ނެރުނު އަމުރުގައި އެ ވާހަކަ ބަޔާންކޮށްފައި އޮތުމުންނެވެ.
އޭނާގެ މަންމަ ހައްޔަރުކޮށްގެން ގެންދާނެ ކަމަށް ފުލުހުން ބުނި ކަމަށް ބަންދު އަމުރުގައި ބަޔާންކޮށްފައިވާއިރު، އެގޮތަށް އެކަން ނުހިނގާނެ ކަމަށް ބަންދު މަޖިލީހުގައި ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ) ބުނެފައިވާކަންވެސް ބަންދު އަމުރު ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
މަސްތުވާތަކެތީގެ މި މައްސަލައިގައި ހައްޔަރުކުރި ޒުވާނާ 10 ދުވަހު ބަންދުކުރަން ކޯޓުން މިއަދު އަމުރު ކުރި އެވެ.
ޝަރީއަތުގެ މަޖިލީހުގައި 20 އަހަރު މި ޒުވާނާ އޭނާގެ މަންމައާއި ފުލުހުންނާ ގުޅުވާ ދެއްކި ވާހަކަތައް ފުލުހުންގެ ތަރުޖަމާން އަހްމަދު ޝިފާން ވެސް މިރޭ ވަނީ ދޮގުކުރައްވާފަ އެވެ.
މި ސަރުކާރުން އެއްވެސް ފުލުހެއްގެ މައްޗަށް ވަކި މީހަކާއި ދޭތެރޭ ވަކި ގޮތަކަށް އަމަލުކުރުމަށް ނުފޫޒު ނުފޯރުވާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވަނީ މިއަދު ވިދާޅުވެފަ އެވެ. އަދި ކުށް ކުރުމަށް ސަރުކާރުން އެއްވެސް ވަރަކަށް ފުރުސަތު ނުދޭނެ ކަމަށާއި ސަރުކާރުން މަސައްކަތް ކުރަނީ ކުށްކުރުން ހުއްޓުވުމަށް ކަމަށްވެަް އިހުސާން ވަނީ ވިދާޅުވެފަ އެވެ.