ޑރ. މުހައްމަދު ޖަމީލް އަހުމަދު

ޑރ. ޖަމީލުގެ ސުވާލެއް: ޔާމީންގެ މައްސަލަތައް އަނބުރާ ނުގެންނަނީ ކީއްވެ؟

ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ޖިނާއީ ދައުވާތައް އަނބުރާ ނުގެންދަނީ ކީއްވެތޯ އައްސަވައި، ކުރީގެ ނައިބް ރައީސް އަދި ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލް އަހްމަދު ސުވާލު އުފައްދަވައިފި އެވެ.

ޑރ. ޖަމީލް މި ސުވާލު އުފެއްދެވީ، އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ތެރޭގައި ހިމެނިގެން ދައުވާ އުފުލާފައިވާ ޕީޕީއެމްގެ ކުރީގެ ޕީޖީ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް އުފުލާފައިވާ ދައުވާތައް އަނބުރާ ގެންދިއުމަށް ޕްރޮސެކިއުޓާ ޖެނެރަލް ނިންމެވުމުންނެވެ.

ނިހާންގެ މައްޗަށް 2019 ވަނަ އަހަރު ދައުލަތުން ޖުމްލަ ހަތް ދައުވާއެއް ކުރި އެވެ. އެއީ ރިޝްވަތު ހިފުމުގެ ތިން ދައުވާއަކާއި، ރިޝްވަތު ދިނުމުގެ ދެ ދައުވާއެއްގެ އިތުރުން މަނީ ލޯންޑަރިންގެ ދައުވާ އެކެވެ. ނިހާނަށް ކުރި ދައުވާތައް އަނބުރާ ގެންދިއުމަށް ދައުލަތުން ނިންމީ އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ދައުވާއަކާ ގުޅިގެން 2021 ވަނަ އަހަރު ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމަކަށް ރިއާޔަތް ކުރާއިރު ނިހާންގެ މައްޗަށް ކުށް ސާބިތުވާނެ ކަމަށް ދައުލަތަށް ގަބޫލުނުކުރެވޭތީ އެވެ.

ރައީސް ޔާމީންގެ މައްޗަށްވެސް އުފުލާފައިވަނީ ނިހާންގެ މައްޗަށް އުފުލި ފަދަ ދައުވާތަކެކެވެ.

ޑރ. ޖަމީލް ސޯޝަލް މީޑިއާގައި ސުވާލު އުފެއްދެވީ 2021 ވަނަ އަހަރު ސުޕްރީމް ކޯޓްގެ ހުކުމް އެހެން އޮތްވާ އޭގެ ފަހުން ވ. އާރަށުގެ މައްސަލައިގެ ދައުވާ ރައީސް ޔާމީނުގެ މައްޗަށް އުފުލީ ކީއްވެތޯ އެވެ. އަދި ނިހާންގެ މައްސަލަތައް އަނބުރާ ގެންދިޔަ ގޮތަށް ޔާމީނުގެ މައްސަލަތައް އަނބުރާ ނުގެން ދެވެންވީ ކީއްވެތޯ އެވެ. ރައީސް ޔާމީންގެ މައްސަލައެއް 2021 ވަނަ އަހަރު ސުޕްރީމް ކޯޓުން ވަނީ ސާބިތުނުވާ ކަމަށް ނިންމަވައި ޔާމީން މިނިވަން ކޮށްފަ އެވެ. ޑރ. ޖަމީލް އިޝާރާތް ކުރެއްވީ އެ މައްސަލަ އަށެވެ.

ޑރ. ޖަމީލް އިތުރަށް ވިދާޅުވީ ވ. އާރަށު މައްސަލަ އަދިވެސް އޮތީ އޮތް ގޮތަށް ކަމަށެވެ. އަދި އެ މައްސަލަ އަނބުރާ ގެންދާވަރުގެ "މަރު ދޮގު" ކްރިމިނަލް ކޯޓުގައި އެ މައްސަލަ ބެއްލެވި އެ ކޯޓުގެ ކުރީގެ އިސް ގާޒީ އަހްމަދު ޝަކީލު ހަދާފައިވާ ކަމަށް ހައިކޯޓުން ބުނާ ކަމަށްވެސް ޑރ. ޖަމީލް ވިދާޅުވި އެވެ.

ޑރ. ޖަމީލް ފަހުން އެ އިޝާރާތް ކުރެއްވީ، އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް ދެ މައްސަލައެއްގައި އިއްވި 11 އަހަރުގެ ޖަލު ހުކުމް ހައިކޯޓުން ބާތިލުކޮށް، އަލުން އެ މައްސަލަ ބަލަން އެންގި އެންގުމަށެވެ.

"ނިހާންގެ ދައުވާ އަނބުރާ ގެންދިޔައީ މިސަރުކާގެ ނުފޫޒުން. މިއީ ރޯމާދުވާލު ގާނޫނީ ނިޒާމު ޕީއެންސީ އިން ނަހަމަ ގޮތުގައި ބޭނުންކުރުން،" ނިހާންގެ މައްސަލަތައް އަނބުރާ ގެންދަން ނިންމި ނިންމުމަކީ ސަރުކާރުގެ ނުފޫޒުން ކުރި ކަމެއް ކަމަށް ސިފަކުރައްވާ ޖަމީލް ވިދާޅުވި އެވެ.

ރައީސް ޔާމީން މިވަގުތު މިނިވަނެއްގެ ގޮތުގައި ހުންނެވި ނަމަވެސް އެމަނިކުފާނުގެ މައްޗަށް ދައުވާ އުފުލާފައިވާ މައްސަލަތަކެއް އަދިވެސް ކޯޓުގައި ހިނގަމުންދާތީ އެމަނިކުފާނަށް ޖަލު ހުކުމެއް އައުމުގެ ފުރުސަތު އެބައޮތެވެ.