އެފްއޭއެމް

އަސާސީ ގަވާއިދަށް ގެނައި އިސްލާހު ފާސްކުރާނީ ފީފާއިން

އެފްއޭއެމުގެ އިންތިހާބާ ދިމާކޮށް މިއަދު އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް ފާސްކުރާނީ ފީފާއިން ކަމަށް އެފްއޭއެމުން ބުނެފި އެވެ.

މިއަދު ބޭއްވި ކޮންގްރެސްގައި ކުލަބުތަކުން ވަނީ ކުރިން 44 ކުލަބަށް ވޯޓުލެވެން އޮތް މާއްދާގެ ބަދަލުގައި 21 ޓީމު ވޯޓުލާގޮތަށް ބަދަލުކޮށްފަ އެވެ. އެއީ ފުރަތަމަ ޑިވިޝަނުގެ އަށް ކުލަބާއި ދެ ވަނަ ޑިވިޝަނުގެ 10 ކުލަބާއި ތިން ވަނަ ޑިވިޝަނުގެ ތިން ކުލަބެވެ. މީގެ ތެރެއިން ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކަށް ދެ ވޯޓު ލެވޭނެ އެވެ.

ކޮންގްރެސްގައި ފާސްކުރި މުހިންމު އެހެން ކަންތައްތަކަކީ ފަސް ކުލަބެއްގެ ތާއީދާއެކު ވަކިވަކިން އިންތިހާބަށް ކުރިމަތިލުމެވެ. ކުރިން އޮތީ ޓީމެއްގެ ގޮތުގައި އިންތިހާބަށް ކުރިމަތިލުމަށެވެ.

މީގެ އިތުރުން ރައީސްގެ މަގާމު ހުސްވެއްޖެނަމަ އެ މަގާމު ފުރާނީ ނާއިބް ރައީސް ކަމަށް ނިންމި އެވެ. އަދި ރައީސާއި ނާއިބް ރައީސްގެ މަގާމު އެއްފަހަރާ ހުސްވެއްޖެނަމަ ހިންގާ ކޮމިޓީގެ ވޯޓަކުން އެފްއޭއެމް ހިންގާ މީހަކު ހޮވަން ވެސް ވަނީ ނިންމައިފަ އެވެ.

މި ބަދަލުތައް ހޯމް މިނިސްޓްރީން ރަޖިސްޓްރީ ކުރާނީ ފީފާއިން މިކަމަށް ހުއްދަދިނުމުންނެވެ.