ފިސްތޯލައެއް ގެންގުޅުނު ކަމަށް ބުނެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ގަފޫރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމް ދައުވާގެ މިއަދަށް ތާވަލުކުރި އަޑުއެހުން ކެންސަލް ކޮށްފި އެވެ. އަދީބު ކޯޓަށް ހާޒިރުކުރުމަށްފަހު، އަޑުއެހުން ކެންސަލްވިކަން އެންގީ ދައުލަތަށް ހެއްކެއް ހާޒިރުނުކުރެވިގެންނެވެ.
މޭޑޭގައި އަދީބު ބަޑިއެެއް ގެންގުޅުން ކަމަށް ބުނެ ދައުވަތުން އަދީބުގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ ދައުވާ އެވެ. އެ ދައުވާ އުފުލާފައިވަނީ ޓެރަރިޒަމް ގާނޫނުގެ ދެވަނަ މާއްދާގެ ހ، ރ އަދި ކ ގެ ދަށުންނެވެ.
މި މައްސަލާގައި އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ، މޭޑޭގެ މުޒާހަރާގައި އެއްވެސް ކަމެއް ގޯސްވެއްޖެނަމަ އެކަމެއް އެންގުމަށް އަދީބު މީހުން ފޮނުވި ކަމަށާއި އެމީހުން ކައިރީގައި އެމްޑީޕީގެ މީހުންނަށް އަދީބުއާ ހަމައަށް ނާދެވޭނެ ކަމަށް ވިދާޅުވި ކަމަށެވެ. އަދި އަދީބު ގެންގުޅުއްވި ބެކްޕެކެއްގެ ތެެރެއިން އެތެރޭ އެނގޭ ފޮއްޓެއް ނަގައި، އެ ފޮށީގައި އޮތް ދެ ފިސްތޯލަ އާއި ލޯ ކުލައިގެ ތިން ވަޒަން ދެއްކި ކަމަށް ދައުވާގައިވެ އެވެ. އޭރު އަދީބު ހުންނެވީ ގ. ހުމަށި ގޭގަ އެވެ. ދައުވާ ކޮށްފައިވަނީ މޭޑޭގައި އަދީބު ގެންގުޅުނު ފިސްތޯލަ ފެނުނު ކަމަށް ބުނާ ދެ މީހެއްގެ ހެކި ބަހުގެ މައްޗަށެވެ.
އަދީބު ވަނީ މި ދައުވާއަށް އިންކާރު ކުރައްވާފަ އެވެ. އަދީބުގެ ވަކީލް މޫސާ ސިރާޖު އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ވިދާޅުވީ، މީހެއް ބުނިބުނުމުގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަސާއި އެހެންކަމުން ދައުވާ ބާތިލްކޮށް ދިނުމަށް އެދޭ ކަމަށެވެ. އަދި މައްސަލަ ކުރިއަށް ގެންދާނަމަ ދައުވާގައި ބުނެފައިވާ ދެ ފަރާތަކީ ކޮބައިކަން އެނގޭނެ ގޮތް ހަދައިދިނުމަށް ސިރާޖު ވަނީ އެދިފަ އެވެ. އަދި އެ ދެ ފަރާތަކީ ހަތިޔާރު ދެނެގަނެވޭފަދަ ގާބިލުކަން ލިބިފައިވާ ބައެއްތޯ ބަލަން ޖެހޭ ކަމަށް ވެސް އަދީބުގެ ވަކީލް ސިރާޖު ވިދާޅުވި އެވެ.
ދައުލަތުގެ ވަކީލް އާދަމް އާރިފް ވިދާޅުވެފައިވަނީ، ދައުވާކޮަށްފައިވަނީ ހަމައެކަނި މީހަކު ބުނި ބުނުމުގެ މައްޗަކަށް ނޫން ކަމަށާއި، އިތުރު ހެއްކާއި ގަރީނާ ދައުލަތަށް ލިބިފައިވާ ކަމަށެވެ. ދައުލަތުން މިއަދު ވަނީ ހެކީގެ ގޮތުގައި އަދީބު ފިސްތޯލަ ގެންގުޅުނުތަން ފެނުން ކަމަށް ބުނާ ދެ މީހުންނާއި އިތުރު މީހެއް ހެއްކެއްގެ ގޮތުގައި ހުށަހަޅާފަ އެވެ. އެ ތިން މީހުން ވެސް ވަނީ ސިއްރުކޮށްފަ އެވެ. މީގެއިތުން ސީން އޮފް ކްރިމް ދެ ރިޕޯޓެއް ވެސް ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅި އެވެ.
އަދީބުގެ ފަރާތުން އެއްވެސް ދިފާއީ ހެއްކެއް ހުށަހަޅައިފައެއް ނުވެ އެވެ. އަދީބުގެ ވަކީލް ވިދާޅުވީ، ދައުވާގައި ބުނާ ދެ މީހުންނަކީ ކާކުކަން ނޭނގޭނަމަ ދިފާއީ ހެއްކެއް ހުށަނޭޅޭނެ ކަމަށެވެ. ދައުލަތުގެ ވަކީލް ވިދާޅުވީ އެ ފަރާތްތައް ސިއްރުކުރީ އެ ފަރާތްތަކަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ކަމަށެވެ.