މާލޭގެ ދަރުބާރުގެ ކައިރީގައި ރޭ ހިންގި މާރާމާރީއާ ގުޅިގެން ތުހުމަތުގައި ހައްޔަރުކުރި ހަތަރު މީހުންގެ ޝަރީއަތް ނިމެންދެން އެ މީހުން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި މި ހަތަރު މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ތަހުގީގު ނިމެންދެން ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުންނަކީވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން ބުނެ އެވެ.
މި މާރާމާރީ ހިންގައިގެން އުޅޭ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ 10:30 ހާއިރު އެވެ.
މީހަކަށް ތޫނު އެއްޗަކުން ހަމަލާ ދިން ކަމަކަށް ފުލުހުން ނުބުނި ނަމަވެސް މަންޒަރު ދުށް ބައެއް މީހުން ބުނާ ގޮތުގައި ދަރުބާރުގެ ކައިރީގައި ވަނީ ތޫނު އެއްޗަކުންވެސް މީހަކަށް ހަމަލާ ދީފަ އެވެ.
މާރާމާރީގައި އަނިޔާވި މީހާއަށް ސެނެހިޔަ ހޮސްޕިޓަލްގައި ފަރުވާ ދީފައިވާ ކަމަށާއި އޭނާގެ ހާލު ސީރިއަސް ނޫން ކަމަަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފަ އެވެ.