މާލޭގެ ދަރުބާރުގެ ކައިރީގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރުކޮށްފައިވާ ހަތަރު މީހުންނަކީވެސް ޒުވާނުން ކަމާއި އެ ހަތަރު މީހުންގެވެސް ކުށުގެ ރެކޯޑްތައް ހުރިކަން އެނގިއްޖެ އެވެ.
ދަރުބާރުގެ ކައިރީގައި ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުންވެސް ތަހުގީގު ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ. މި ހަތަރު މީހުންގެ ވަނަވަރު ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
ފުލުހުން ހިއްސާކުރި މައުލޫމާތަކީ ތަހުގީގު ނިމެންދެން އެންމެންވެސް ހައްޔަރުކޮށްފައިވާ ކަމުގެ މައުލޫމާތެވެ. އަދި ހަތަރު މީހުންނަކީވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ. އެ ނޫން މައުލޫމާތެއް ފުލުހުން އަދި ނުދެ އެވެ.
އަވަސްއިން ހޯދި ހޯދުމުން އެނގުނު ގޮތުގައި ހައްޔަރުކޮށްފައިވާ ހަތަރު މީހުންގެ ތެރެއިން އުމުރުން އެންމެ ދޮށީ މީހާގެ އުމުރަކީ 25 އަހަރެވެ. އެމީހާ އަކީ 2022 ވަނަ އަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހު، ބަނގުރަލުގެ މައްސަލައެއްގައި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާ މީހެކެވެ. އެ މީހާގެ އެ ނޫންވެސް ކުށުގެ ރެކޯޑް ހުރި ކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ.
މާރާމާރީގެ މައްސަލައިގައި ހައްޔަރު ކުރި ހަތަރު މީހުންގެ ތެރެއިން ދެން އެންމެ ދޮށީ މީހަކީ އުމުރުން އެންމެ 21 އަހަރުގެ މީހެކެވެ. އޭނާގެވެސް ކުށުގެ ރެކޯޑް ހުރިކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ. އެގޮތުން މި މީހާއާ ގުޅުން ހުރި އެހެން މީހެއްގެ މައްޗަށް ދައުލަތުން ކޮށްފައިވާ، މީހެއްގެ ހަށިގަނޑަށް ގެއްލުން ދިނުމުގެ މައްސަލައެއް ކޯޓަށް ހުށަހެޅިފައިވެ އެވެ. އަދި މި މީހާއާ ގުޅުން ހުރި އެހެން މީހަކު، މި ފަހުން ހުޅުމާލޭގައި ހިނގައި ދިޔަ ފޭރުމާއި ބްލެކްމެއިލް ކުރުމުގެ މައްސަލައެއްގައިވެސް ހައްޔަރުކޮށްފައިވެ އެވެ. އަދިވެސް އޭނާއާ ގުޅުންހުރި އެހެން ބައެއް މީހުންގެ މައްސަލަތައް މިވަގުތުވެސް ކޯޓުގައި ހިނގަމުން އެބަދެ އެވެ.
މާރާމާރީއާ ގުޅިގެން ހައްޔަރު ކުރި ތިންވަނަ މީހަކީ އުމުރުން 20 އަހަރުގެ މީހެކެވެ. މި މީހާގެވެސް ކުށުގެ ރެކޯޑްތައް ހުރިކަމަށް މައުލޫމާތު ލިބިފައިވާއިރު މީނާއަކީ ސިޔާސީ މަޝްހޫރު މީހަކާ ގުޅުން ހުރި މީހެކެވެ. އޭނާއާ ގުޅުން ހުރި މީހާގެ މައްޗަށްވެސް ކޯޓުގައި މައްސަލަތަކެއް ކުރިއަށް ދިޔަ އެވެ.
މާރާމާރީއާ ގުޅިގެން ހައްޔަރު ކުރި ހަތަރުވަނަ މީހަކީވެސް ކުށުގެ ރެކޯޑް ތަކެއް ހުރި އުމުރުން އެންމެ 19 އަހަރުގެ މީހެކެވެ.
މި އެންމެންވެސް ތަހުގީގު ނިމެންދެން ބަންދުކޮށްފައިވާއިރު، ފުލުހުން މި މީހުންގެ މައްޗަށް ކުރާ ތުހުމަތަކީ، ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރު އަދި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ތުހުމަތެވެ.
މި މާރާމާރީގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާ ދިން ކަމަކަށް ފުލުހުން ނުބުނި ނަމަވެސް މަންޒަރު ދުށް ބައެއް މީހުން ބުނާ ގޮތުގައި ދަރުބާރުގެ ކައިރީގައި ވަނީ ތޫނު އެއްޗަކުންވެސް މީހަކަށް ހަމަލާ ދީފަ އެވެ. މާރާމާރީގައި އަނިޔާވި މީހާއަކަށް އަދިވެސް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާއިރު އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފަ އެވެ.