ހަބަރު

ޓެކްސް ދެއްކުމަށް އެއްކިބާވި މީހެއް މީރާއަށް ހާޒިރުކުރުމަށް ހައިކޯޓުން އަންގައިފި

ޓެކްސް ދެއްކުމުން އެއްކިބާވި މީހެއް މީރާއަށް ހާޒިރުވުމަށް ހައިކޯޓުން އަމުރުކޮށްފި އެވެ. މުހައްމަދު ސުޖާއު ނަމަކަށްކިޔާ މި މީހާ މީރާއަށް ހާޒިރުވުމަށް ހައިކޯޓުން ވަނީ ފަސް ދުވަހުގެ މުއްދަތެއް ދީފަ އެވެ.

ފަސް ދުވަހުގެ ނިޔަލަށް ސުޖާއު ހާޒިރުނުވެއްޖެނަމަ ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ވިޔަސް އޭނާ މީރާއަށް ހާޒިރުކުރުމަށް ހައިކޯޓުން ވަނީ ފުލުހުންގެ މައްޗަށް އަމުރުކޮށްފަ އެވެ.

މުހައްމަދު ސުޖާއު މީރާއަށް ހާޒިރުކުރުމަށް ކޯޓު އަމުރަކަށް އެދި ޕީޖީއިން ކްރިމިނަލް ކޯޓުގައި އެދިފައިވަނީ، މިދިޔަ ފެބްރުއަރީ މަހުގެ ފަހު ހަފުތާ ތެރޭގަ އެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ ގާނޫނީ އެއްވެސް ސަބަބެއް ނެތް ކަމަށް ބުނެ އަމުރު ނެރެ ނުދީފަ އެވެ. އެ ނިންމުން ހައިކޯޓުގައި މިދިޔަ ހަފުތާ އިސްތިއުނާފުކުރީ ޕީޖީއިންނެވެ.

މި މައްސަލާގައި މިއަދު ހައިކޯޓުން ކުރި ހުކުމްގައި އެ ކޯޓުން ވަނީ ފަސް ދުވަހުގެ ތެރޭގައި މުހައްމަދު ސުޖާއު މީރާއަށް ހާޒިރުކުރުވުމަށް ފުލުހުންނަށް އަމުރުކޮށްފަ އެވެ.

ޓެކްސް ދައްކާ އެއްވެސް ފަރާތަކަށް މީރާއިން އަންގާ އެންގުމަށް އެ އިދާރާއަށް ހާޒިރުނުވެއްޖެ ނަމަ ފުލުހުންގެ ބަންދުގައި ބަހައްޓައިގެން އެ ފަރާތެއް މީރާއަށް ހާޒިރު ކުރެވޭ ގޮތަށް ޓެކްސް ނެގުމުގެ އިދާރީ ގަވާއިދަށް ވަނީ ބަދަލު ގެނެސްފަ އެވެ.

ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނު ބުނާ ގޮތުން، ޓެކްސް ބަޔާނެއްގައި ދޮގު މައުލޫމާތެއް ނުވަތަ ހިމަނަންޖެހޭ މައުލޫމާތެއް ނުހިމެނުމަކީ ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ނިޔަތުގައި ކުރި ކަމެއް ކަމަށް ބެލެވޭނެ ކަމަށާއި އެފަދަ މީހެއްގެ އަދަބަކީ ތިން މަހާއި އެއްއަހަރާ ދެމެދުގެ މުއްދަތަކަށް ގޭގައި ބަންދު ކުރުން ކަމަށެވެ.