އެމެރިކާގެ ރައީސް ބަރަކް އޮބާމާ އިންޑިއާ އަށް ކުރެއްވި ދަތުރުފުޅު ކުރުކޮށްލެއްވުމަށް ފަހު ސައޫދީ އަރަބިއްޔާ އަށް ވަޑައިގެންފި އެވެ.
ސައޫދީ ރަސްގެފާނު އަބްދުﷲ ބިން އަބްދުލް އަޒީޒް އަވަހާރަވުމާ ގުޅިގެން ތައުޒީ ދެންނެވުމަށާއި އާ ރަސްގެފާނު ސަލްމާންއާ ބައްދަލުކުރެއްވުމަށް އޮބާމާ އާއި އަނބިކަނބަލުން މިޝޭލް ކުރައްވާ ދަތުރުފުޅުގައި އޮބާމާގެ ޑިމޮކްރަޓިކް ޕާޓީގެ އިތުރުން ރިޕަބްލިކަން ޕާޓީގެ އިސް ބޭފުޅުން ވެސް ބައިވެރިވެ ވަޑައިިގަންނަވަ އެވެ. އޭގެ ތެރޭގައި ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓުން ކަމަށްވާ ޖޭމްސް ބޭކާ އާއި ކޮންޑަލީޒާ ރައިސް ވެސް ހިމެނިވަޑައިިގަންނަވަ އެވެ.
ސައޫދީ އަކީ ހަނގުރާމަތަކާއި ހަމަނުޖެހުންތައް ބޮޑު ސަރަހައްދެއްގައި އޮތް، އެމެރިކާގެ މުހިންމު އެކުވެރިއެކެވެ.
ދަތުރުގެ ކުރިން އޮބާމާ ސީއެންއެން އަށް ވިދާޅުވެފައި ވަނީ ރަސްގެފާނު އަބްދުﷲ އަކީ އަމިއްލަ ގޮތްތަކެއް ގެންގުޅުއްވި އަދި އިސްލާހަށް މަސައްކަތްކުރެއްވި ބޭފުޅެއް ކަމަށެވެ.
އޮޮބާމާއާ އެކު އެމެރިކާގެ 30 ބޭފުޅަކު ސައޫދީ އަށް ވަޑައިގެންފައިވެ އެވެ. އޭގެ ތެރޭގައި ޖާސޫސީ އިދާރާ ސީއައިއޭގެ ޑިރެކްޓަރު ޖޯން ބްރެނަން ހިމެނެ އެވެ. އަދި ސެނެޓްގެ ނުފޫޒު ގަދަ އާމްޑް ސާވިސަސް ކޮމިޓީގެ ޗެއާމަން ޖޯން މެކެއިން އާއި އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ ކުރީގެ މުޝީރު ރިޕަބްލިކަން ޕާޓީގެ ބްރެންޓް ސްކޯކްރޮފްޓް ވެސް ހިމެނެ އެވެ.
އޮބާމާ ސައޫދީ އަށް ވަޑައިގެންފައި ވަނީ އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވުމަށް އެ ގައުމަށް ވަޑައިގަތުމަށް ފަހުގަ އެވެ. މިއަދަކީ އޮބާމާ ތާޖް މަހަލް އަށް ވަޑައިގަތުމަށް ކުރިން ހަމަޖައްސާފައި އޮތް ދުވަހެވެ. ނަމަވެސް ސައޫދީ އަށް ވަޑައިގަތުމަށް ތާޖް މަހަލް ދަތުރު ކެންސަލްކުރެއްވީ އެވެ.