މޯލްޑިވްސް ޕޮލިސް ސާވިސް

މާރާމާރީ ހިންގުމަށްފަހު ފުލުހެއްގެ ގައިގައި ކާރުން ޖެއްސި މީހާ ހައްޔަރުކޮށްފި

ހުޅުމާލޭގެ ފިލިގަސް މަގުގައި މާރާމާރީ ހިންގުމަށްފަހު ކާރަކަށް އަރައިގެން ދާން އުޅުނު މީހަކު ހުއްޓުވަން މަސައްކަތް ކުރި ފުލުސް މީހާގެ ގައިގައި ކާރުން ޖެއްސުމަށްފަހު ފިލައިގެން އުޅުނު މީހާ ހައްޔަރުކޮށްފި އެވެ.

މި މާރާމާރީ ހިންގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިމަހުގެ 15 ވަނަ ދުވަހުގެ ރޭ ފަތިހު އެވެ.

ފުލުހެއްގެ ގައިގައި ޖެއްސުމަށްފަހު ކާރުގައި ފިލައިގެން ދިޔަ ދެ މީހުންގެ ތެރެއިން އެކަކު ފުލުހުން ވަނީ ކުރިން ހައްޔަރުކޮށްފަ އެވެ. ދެވަނަ މީހާވެސް މިއަދު ހަވީރު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

މިއަދު ހައްޔަރުކޮށްފައިވަނީ ކުރީގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަލީ ރަޝީދުގެ ދަރިފުޅެއް ކަމަށް އެނގިފައިވެ އެވެ.

ހައްޔަރުކުރި ދެވަނަ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އެ މީހާގެ ބަންދަށް 15 ދުވަސް ދީފަ އެވެ، މި މައްސަލައިގައި ހައްޔަރުކުރި ފުރަތަމަ މީހާގެ ބަންދާ މެދު އަމަލު ކުރި ގޮތެއް ފުލުހުން ނުބުނެ އެވެ.

ފުލުހުން އިތުރަށް ބުނީ މާރާމާރީގައި އަނިޔާވި މީހާއާއި ފުލުސް މީހާއަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު ދެ މީހުންވެސް ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ.