ހަބަރު

އަނިޔާކުރުމަށްފަހު އައްޑޫ ސިޓީ މަގުމައްޗަށް އެއްލާލާފައި އޮތް ކުއްޖަކު ފެނިއްޖެ

ޒަހަމްތަކާއެކު އެއްލާލާފައި އޮތް ފިރިހެން ކުއްޖެއް އައްޑޫ ސިޓީ ހިތަދޫ މަގުމަތިން ފެނިއްޖެ އެވެ. ޒަހަމްތަކާއެކު މަގުމަތީ އޮއްވާ ފެނުނު ކުއްޖާއަކީ ސަރަފުއްދީން ސްކޫލްގައި ތައުލީމް ހާސިލުކުރަމުންދާ އިރްޝާމް އަބްދުﷲ ނަމަކަށްކިޔާ ކުއްޖެކެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވީ ހިތަދޫ ފުލުހުން ޕެޓްރޯލް ކުރުމުގެ ތެރޭގައި މިރޭ 10:05 އެހަކަންހާއިރު ހިތަދޫ މަގުމަތިން 16 އަހަރުގެ ފިރިހެން ކުއްޖެއް އޮއްވާ ފެނިފައިވާ ކަމަށާއި އޭނާ އަށް ވަނީ އެކިވަރުގެ ޒަހަމްތަކެއް ލިބިފައި ކަމަށެވެ. އޭނާ އަށް ބޮޑަށް ގެއްލުން ލިބިފައި ހުރީ ބޮލަށް ކަމަށް ވެސް ފުލުހުން ފާހަގަ ކުރި އެވެ.

މައުލޫމާތު ލިބޭ ގޮތުގައި އިރުޝާމް ފެނުނީ ހިތަދޫ އާގަލާ ފިހާރަ ކުރިމަތީ އޮންނަ ހަނި ގޯޅި ތެރެއިންނެވެ. ފުލުހުން ވަނީ އެ ގޯޅި ބަންދުކޮށް ތަހުގީގު ފަށާފަ އެވެ.

މިހާރު އެ ކުއްޖާ ވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފައިވާއިރު، އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ހޭނެތިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. މިކަމާ ގުޅިގެން ހޮސްޕިޓަލްގެ ބަހެއް އަދި ލިބޭ ގޮތް ވަނީ ނުވެފަ އެވެ.

މިރޭ އައްޑޫ ސިޓީ ހިތަދޫގައި ޒަހަމްތަކެއް ދިނުމަށްފަހު އެއްލާލާފައިވާ ކުއްޖަކު ފެނިފައިވާއިރު މިދިޔަ ބުދަ ދުވަހު ހެނދުނުގެ ވަގުތެއްގައި ހިތަދޫގެ ވިޔަފާރިވެރިޔަކު މަރާލުމަށްފަހު އަލަ އޮޅެއްގެ ތެރެއަށް އެއްލާލާފައި އޮއްވާ ވަނީ ފެނިފަ އެވެ.