އެމްޑީޕީގެ ސަރުކާރުން ރާއްޖޭގެ ސިއްހީ ނިޒާމު ފުނޑުފުނޑު ކޮށްލާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ ބަހުސްގައި ފަލާހް ވަނީ އެމްޑީޕީގެ ސަރުކާރަށް ފާޑު ވިދާޅުވެފަ އެވެ.
"ވޭތުވެދިޔަ ސަރުކާރު ނިމިގެން އެ ދިޔައީ އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންގެ މި ސިއްހީ މުޅި ނިޒާމުވެސް އެއްކޮށް ފުނޑުފުނޑުކޮށްލާފައޭ،" ފަލާހް ވިދާޅުވި އެވެ.
ފަލާހް ވިދާޅުވި ގޮތުގައި ރާއްޖޭގައި ސިއްހީ ހިދުމަތްދޭ ތަންތަނާއި އެ ތަންތަނުގެ މުވައްޒަފުން ތިބީ ވަރަށް ނިކަމެތި ހާލުގަ އެވެ.
"ރާއްޖޭގެ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓާތަކާއި އެ ނޫންވެސް ސިއްހީ ހިދުމަތްދޭ ހުރިހާ އިމާރާތްތަކާއި އެ އިމާރާތްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދަންދެން އެ ވަނީ ވަރަށް ނިކަމެތި ހާލުގައި ޖެހިފަ. އެއީ ކަންބޮޑުވާން ޖެހޭ ސަބަބެއް،" ފަލާހް ވިދާޅުވި އެވެ.
ސިއްހީ ނިޒާމުގެ ކަންކަން އެ ހާލަތުގައި ހުރެ ފަސް އަހަރު ފާއިތުވެފައިވާ ކަމަށް ފަލާހް ވިދާޅުވި އެވެ.
"ރައްޔިތުންނާ ގުޅުންހުރި މިފަދަ މުހިންމު ކަންކަމުގައި ނިމިދިޔަ މަޖިލީހުންވެސް މިކަންކަމުގައި މާބޮޑު ސަމާލުކަމެއް ދެވިފައި ނެތްކަން އެއީ މިއަދު ހިތާމަކުރާ ކަމެއް،" ފަލާހް ވިދާޅުވި އެވެ.
ބިލްގެ ބަހުސްގައި ފަލާހް ވަނީ ސިއްހީ ނިޒާމުގެ ކަންކަން ހަރުދަނާކުރުމަށް ސަރުކާރުގެ ފަރާތުން ގާނޫނަށް ހުށަހެޅި އިސްލާޙުތަކަކީ މުހިންމު ކަންތައްތަކެއް ކަމަށް ވިދާޅުވެފަ އެވެ.