ހުޅުމާލެ

ގޯތިތަކުގައި އިމާރާތްކުރަން ފެށުމުގެ ކުރިން އެޗްޑީސީގެ ހުއްދަ ހޯދަން އެދިއްޖެ

ހުޅުމާލޭގައި އުސޫލުތަކާއި ހިލާފަށް ގޯތިތަކުގައި މަސައްކަތް ކުރަމުންދާނަމަ ފިޔަވަޅު އަޅާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

އެޗްޑީސީ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ މިހާރަކަށް އައިސް ހުޅުމާލެއިން ވިއްކާފައިވާ ނުވަތަ ކުއްޔަށްދީފައިވާ ނުވަތަ އިޖުތިމާއީ ބޯހިޔާވަހިކަމުގެ ތެރެއިން ދޫކޮށްފައިވާ ގޯއްޗެއްގައި އިމާރާތް ކުރާއިރު އެ ކޯޕަރޭޝަނުން ހަދާފައިވާ ގަވާއިދުތަކާއި އުސޫލުތަކަށް ބެލުމެއް ނެތި އަދި އިމާރާތް ކުރުމާއި ގުޅޭ ހުއްދަތައް ނުނަގާ ގޯތި ތެރޭގައި މަސައްކަތް ކުރުމާއެކު އިމާރާތް ކުރުމުގެ މަސައްކަތްތައް ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ހުޅުމާލެއިން ދޫކޮށްފައިވާ ގޯއްޗެއްގައި އިމާރާތެއް ކުރަން ފެށުމުގެ ކުރިން އިމާރާތްކުރާނެ ގޮތުގެ ކުރެހުން އެޗްޑީސީއަށް ހުށަހަޅާ ފާސްކުރުމަށްފަހު އިމާރާތް ކުރުމާ ގުޅޭ އެހެނިހެން ހުއްދަތައް ނެގުމަށްވެސް އެ ކޯޕަރޭޝަނުން ވަނީ އެދިފަ އެވެ.

ހުޅުމާލޭއިން ދޫކޮށްފައިވާ ގޯތިތަކުގައި އިމާރާތްކުރުމުގެ އުސޫލު އެޗްޑީސީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެކަން އެ ކޯޕަރޭޝަނުން ވަނީ ފާހަގަކޮށްފަ އެވެ.

އެޗްޑީސީ އިން ބުނީ އުސޫލުތަކާ ހިލާފަށް ގޯތި ތެރޭގައި މަސައްކަތެއް ކުރަމުންދާނަމަ އަދި ކޮށްފައިވާނަމަ އެ ގޯއްޗެއްގެ ވެރިފަރާތާމެދު ކަނޑައެޅިފައިވާ އުސޫލުން ފިޔަވަޅު އަޅާނެ ކަމަށެވެ.