މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ކަރެކްޝަން މުވައްޒަފުންގެ ބަންދަށް މުއްދަތު ޖަހައިފި

ޖަލުގައި ތިބޭ ގައިދީންނަށް ފޯނާއި މަސްތުވާތަކެއްޗާއި ޖަލަށް ވެއްދުން މަނާތަކެތި ވައްދައިދިން ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ 13 މުވައްޒަފުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފި އެވެ.

މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހައްޔަރުކުރި މީހުންގެ ތެރެއިން 11 މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ. އަދި ބާކީ ތިބި ދެ މީހުންގެ ބަންދަށް ކޯޓުން ވަނީ ފަސް ދުވަސް ދީފަ އެވެ.

ނޫސްވެރިންނާ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބައްދަލުކުރައްވާ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ އެރޭ މާފުށި ޖަލުގައި ފުލުހުން ބޭނުންކޮށްގެން އޮޕަރޭޝަނެއް ފެށީ ޖަލުގައިގައި ތިބޭ ގައިދީންނަށް ފޯނާއި މަސްތުވާތަކެއްޗާއި ޖަލަށް ވެއްދުން މަނާތަކެތި ޖަލު އޮފިސަރުން ވައްދައިދޭ ކަމުގެ ތުހުމަތު ކުރެވޭތީ ކަމަށެވެ.

މިއޮޕަރޭޝަންގެ ތެރެއިން ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ވަނީ ކަރެކްޝަންސްގެ 13 މީހަކު ހައްޔަރުކޮށްފަ އެވެ. މި މީހުންގެ ތެރެއިން ނުވަ މީހުން ހައްޔަރުކުރީ މާފުށިންނެވެ. ކާށިދޫ އިން ދެ މީހުން އަދި އުތީމާއި މާލެ އިން އެކަކު ހައްޔަރުކޮށްފައިވެ އެވެ.

ނޫސްވެރިންގެ މިބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ ފުލުހުންނަށް ލިބިފައިވާ އިންޓެލިޖެންސް މައުލޫމާތުތަކަށް ބަލާއިރު ޖަލަށް މަނާ ތަކެތި ވެއްދުމުގައި ޖަލުގެ 18 އޮފިސަރެއްގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށެވެ.

އަބްދުﷲ ޝަރީފް ވިދާޅުވި ގޮތުގައި ޖަލު އޮފިސަރެއްގެ އެކައުންޓަށް އެކި ފަހަރު މަތިން 24 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށެވެ. އަދި މިކަމުގައި ބައިވެރިވާ ކަމަށް ބެލެވޭ އޮފިސަރުންގެ އެކައުންޓްތަކަށް ޖުމްލަ 73.6 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ޖަލަށް މަނާ ތަކެތި ވެއްދުމުގައި އެހީތެރިވެ ދީގެން މީގެކުރިންވެސް ޖަލު އޮފިސަރުންނަށް އެކި ކަހަލަ ފިޔަވަޅުތައް އަޅާފައިވެ އެވެ. ނަމަވެސް ސީދާ ޖަލު އޮފިސަރުންނަށް ބޮޑު ތުހުމަތެއްކޮށް ޖަލަށް މަނާ ތަކެތި ވެއްދުމުގައި ބައިވެރިވާ އޮފިސަރުން ހޯދުމަށް މީގެކުރިން ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ.