ބިދޭސީން

ގަވައިދާ ހިލާފަށް އުޅުނު 50 ބިދޭސީން އިމިގްރޭޝަނާ ހަވާލުކޮށްފި

މާލޭގެ ލޯކަލް މާރުކޭޓާއި މާލެ ތެރޭގައި ހަދާފައި ހުރި ބައެއް މާރުކޭޓުތަކުގައި ގަވައިދާ ހިލާފަށް އުޅުނު 50 ބިދޭސީން ހޯދައި އިމިގްރޭޝަނާ ހަވާލުކޮށްފި އެވެ.

މި އޮޕަރޭޝަން މިއަދު ކުރިއަށް ގެންދިޔައީ އިމިގްރޭޝަނާއި ފުލުހުން ގުޅިގެންނެވެ.

މާލޭގެ މާރުކޭޓް ސަރަހައްދަކީ ގިނަ އަދަދަކަށް ކޮންމެ ދުވަހަކުވެސް ބިދޭސީން ހަރަކާތްތެރިވާ ސަރަހައްދެކެވެ.

މާރުކޭޓްގެ ގޮޅިތަކުގައި ސޭޓުންގެ ގޮތުގައި ބިދޭސީން ތިބި ނަމަވެސް އެއީ މަނާކޮށްފައި އޮންނަ ކަމެކެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ އަންހެން ބިދޭސީން ހޯދުމަށް އިމިގްރޭޝަންގެ އަންހެން އޮފިސަރުންވެސް މިދިޔަ މެއި މަހުގެ ތެރޭގައި ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވެ އެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ ދަފްތަރެއް އަލުން އެކުލަވާލުމަށް "ކުރަނގި" ނަމުގައިވެސް މިހާރު ވަނީ އޮޕަރޭޝަނެއް ފަށާފަ އެވެ.