މާފަންނު ސްޓާ ރެސްޓް އިމާރާތުގެ ތިރީގައި ހުންނަ ބީއެމްއެލްގެ ޑޮލަރު އޭޓީއެމް ކައިރީގައި ގަވައިދާ ހިލާފަށް ޑޮލަރު ވިއްކަމުން ދިޔަ ދެ ބިދޭސީއަކު ހައްޔަރުކޮށްފި
މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ރޭ ފުލުހުންގެ އެހީތެރިކަމާ އެކު ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ހައްޔަރުކުރި ބަންގްލަދޭޝް ދެ ފިރިހެނުންނަކީ ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުން ދިޔަ ބައެއް ކަމަށެވެ.
މި ދެ މީހުންނާ ސުވާލުކުރުމަށް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު މި ދެ މީހުންގެ އަތުން ފެނުނު ގިނަ އަދަދެއްގެ ފައިސާތައް ފެންނަ ފޮޓޯއެއްވެސް އިމިގްރޭޝަނުން ވަނީ އާންމުކޮށްފަ އެވެ.
އިމިގްރޭޝަނުން އިތުރަށް ބުނީ މިދިޔަ މާޗު މަހުގެ ނުވަވަނަ ދުވަހުވެސް ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅުނު ބިދޭސީންތަކެއް ޑޮލަރު ވިއްކަން އުޅެނިކޮށް އަތުލައިގަނެ ޑީޕޯޓްކޮށްލާފައިވާ ކަމަށެވެ.
އޭރު އަތުލައިގަނެވުނު ހަ މީހުންނާއި އަދި ރޭ އަތުލައިގަނެވުނު ދެ މީހުންގެ މައުލޫމާތުވެސް އިމިގްރޭޝަނުން ވަނީ އާންމުކޮށްފަ އެވެ.