މޯލްޑިވްސް ޕޮލިސް ސާވިސް

ދޮޅު މިލިއަން ރުފިޔާގެ ވައްކަމުގެ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

ދޮޅު މިލިއަނެއްހާ ރުފިޔާގެ ވައްކަމުގެ މައްސަލައެއްގައި ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފި އެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ މީގެ ކުރިންވެސް ކުށުގެ އެތައް ރެކޯޑެއް އޮންނަ ކަމަށް ރިކޯޑްތަކުން ދައްކާ، އއ. މަތިވެރި، ހަނދުވަރީގެ، އަބްދުﷲ ޖަމީލް އެވެ. އޭނާއަކީ އުމުރުން 33 އަހަރުގެ މީހެކެވެ.

އަބްދުﷲ ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

އޭނާގެ ބަންދު އަމުރުގެ ރިޕޯޓުން އެނގޭ ގޮތުގައި ދޮޅު މިލިއަނެއްހާ ރުފިޔާގެ ވައްކަމުގެ މައްސަލައަކީ އިންތިޒާމު ވެގެން، ރާވައިގެން ގިނަ ބަޔަކު ހިމަނައިގެން ކޮށްފައިވާ ވައްކަމެވެ.

އަބްދުﷲ ޖަމީލްގެ މައްޗަށް ފުލުހުން ކުރާ ތުހުމަތަކީ ހުއްދަ ނޫން ތަނަކަށް ވަނުމާއި، މުދަލައް ގެއްލުން ދިނުމާއި ވައްކަން ކުރުމުގެ ތުހުމަތެވެ.

ރިކޯޑްތަކުން ދައްކާ ގޮތުގައި އަބްދުﷲ ޖަމީލަކީ މަކަރާއި ހީލަތް ހެދުމުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރު ކުރުމަށް ފޮޓޯއާއެކު ފުލުހުން އިއުލާންކޮށްފައިވާ މީހެކެވެ. އެއީ 2021 ވަނަ އަހަރު އެވެ. މީއިތުރުން 2023 ވަނަ އަހަރު، ފޭކް ބޭންކް ސްލިޕެއް ހަދައިގެން ފިހާރައަކުން ވިޔަފާރި ކުރި މައްސަލައެއްގައި އެއް އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ ކަންވެސް ރިކޯޑްތަކުން ދައްކަ އެވެ.

މީގެ އިތުރުން 2020 ވަނަ އަހަރުގެ ކުރީކޮޅު، މަތިވެރިއަށް ބަނގުރާ ގެންދިޔަ މައްސަލައެއްގައި ދައުލަތުން ދައުވާކޮށް އަބްދުﷲ ޖަމީލްގެ މައްޗަށް ކުށް ސާބިތުވެފައިވާކަން ރިކޯޑްތަކުން ދައްކަ އެވެ.