މަސްވެރިކަން

މަހުގެ އެކްސްޕޯޓް 47 ޕަސެންޓް ދަށަށް

ރާއްޖެއިން މި އަހަރުގެ މޭ މަހުގެ ނިޔަލަށް މަސް އެކްސްޕޯޓްކުރި މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 47.5 ޕަސެންޓް ދަށަށް ހިނގައްޖެ އެވެ.

މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ޖެނުއަރީ އިން މޭ މަހުގެ ނިޔަލަށް ރާއްޖެއިން ބޭރުކޮށްފައިވަނީ 23،464.8 މެޓްރިކް ޓަނުގެ މަހެވެ.

މިއީ ފާއިތުވި 2023 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއިން ބޭރުކުރި 44،730.1 މެޓްރިކް ޓަނުގެ މަހާ އަޅާބަލާއިރު 21،266 މެޓްރިކް ޓަނު މަދު އަދަދެކެވެ.

މި އަހަރުގެ މަހުގެ އެކްސްޕޯޓް

  • ޖެނުއަރީ: 4،475 މެޓްރިކް ޓަނު
  • ފެބްރުއަރީ: 6،051 މެޓްރިކް ޓަނު
  • މާޗް: 3،787 މެޓްރިކް ޓަނު
  • އެޕްރީލް: 4،746 މެޓްރިކް ޓަނު
  • މޭ: 4،404 މެޓްރިކް ޓަނު

ރާއްޖެއިން މި އަހަރު އެންމެ ގިނައިން އެކްސްޕޯޓް ކުރީ ކަޅުބިލަ މަހެވެ.

އެ ގޮތުން މި އަހަރުގެ މޭ މަހުގެ ނިޔަލަށް 14،985 މެޓްރިކް ޓަނުގެ ކަޅުބިލަ މަސް ރާއްޖެއިން އެކްސްޕޯޓްކޮށްފައިވެ އެވެ.

މީގެ އިތުރުން 4،670 މެޓްރިކް ޓަނުގެ ރީނދޫ އުރަހަ ކަންނެލި އެކްސްޕޯޓްކޮށްފައިވާއިރު މަސްދަޅު އަދި ޕޯޗްޑްގެ ގޮތުގައި 3،050 މެޓްރިކް ޓަނުގެ މަސް ބޭރުކޮށްފައިވެ އެވެ.