ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

ވީއައިއޭގެ އިންޓަނޭޝަނަލް ފްލައިޓް މޫވްމެންޓްތަކުގެ އަދަދު އިތުރުވެއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އިންޓަނޭޝަނަލް ފްލައިޓް މޫވްމެންޓްތަކުގެ އަދަދު މި އަހަރުގެ މޭ މަހުގެ ނިޔަލަށް 2.8 ޕަސެންޓް އިތުރުވެއްޖެ އެވެ.

މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން ވީއައިއޭގެ އިންޓަނޭޝަނަލް ފްލައިޓް މޫވްމެންޓްތަކުގެ އަދަދު މިދިޔަ 2023 ވަނަ އަހަރުގެ ޖެނުއަރީ އިން މޭ މަހުގެ ނިޔަލަށް ހުރީ 6،991 ގަ އެވެ.

މި އަދަދު މި އަހަރުގެ މި މުއްދަތުގައި ހުރީ 7،193 ގަ އެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ މޭ ނިޔަލަށް އިންޓަނޭޝަނަލް ފްލައިޓް މޫވްމެންޓްގެ ތެރެއިން 6،523 ފްލައިޓް މޫވްމެންޓަކީ ޝެޑިއުލް ފްލައިޓްތަކުގެ ދަތުރުތަކެވެ. އަދި 670 މޫވްމެންޓަކީ ޗާޓަރު ފްލައިޓްތަކާއި ޕްރައިވެޓް ފްލައިޓްތަކުގެ ދަތުރުތަކެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މޭ މަހުގެ ނިޔަލަށް ރާއްޖެއަށް 40 އެއާލައިނަކުން ދަތުރުތައް ކުރެ އެވެ.

ރާއްޖެއަށް މި އަހަރުގެ މޭ މަހުގެ ނިޔަލަށް 890،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. އަދި އަހަރުގެ މިހާތަނަށް އެ މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.