އެމްއެމްއޭ

ފުރަތަމަ ހަ މަސް: އިންޓަނޭޝަނަލް ފްލައިޓް ދަތުރުތައް އިތުރުވެއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އިންޓަނޭޝަނަލް ފްލައިޓްތަކުގެ އަދަދު މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި އިތުރުވެއްޖެ އެވެ.

މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން ވީއައިއޭގެ އިންޓަނޭޝަނަލް ފްލައިޓް މޫވްމެންޓްތަކުގެ އަދަދު މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހާ އަޅާބަލާއިރު މި އަހަރުގެ މި މުއްދަތުގައި ވަނީ ތިން ޕަސެންޓް އިތުރުވެފަ އެވެ.

އެމްއެމްއޭ އިން ހާމަކުރި ގޮތުގައި އިންޓަނޭޝަނަލް ފްލައިޓް މޫވްމެންޓްތަކުގެ އަދަދު މި އަހަރުގެ ފުރަތަމަ ހަ މަސް ނިމުނުއިރު ހުރީ 8،337 ގަ އެވެ. މި އަދަދު މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރީ 8،073 ގަ އެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ ޖޫންގެ ނިޔަލަށް އިންޓަނޭޝަނަލް ފްލައިޓް މޫވްމެންޓްގެ ތެރެއިން 7،611 ފްލައިޓް މޫވްމެންޓަކީ ޝެޑިއުލް ފްލައިޓްތަކުގެ ދަތުރުތަކެވެ. އަދި 726 މޫވްމެންޓަކީ ޗާޓަރު ފްލައިޓްތަކާއި ޕްރައިވެޓް ފްލައިޓްތަކުގެ ދަތުރުތަކެވެ.

ރާއްޖެއަށް މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެއް މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.