ބައެއް މައްސަލަތަކުގައި ޝަރީއަތް ނިމެންދެން މީހުން ބަންދު ނުކުރަނީ ކީއްވެތޯ މިއީ ބައެއް މީހުންގެ ސުވާލެކެވެ. އަނެއް ބަޔެއްގެ ސުވާލަކީ ޝަރީއަތް ނިމެންދެން ނުވަތަ "ވާނުވާ" ބަންދަށް މީހުން ގެންދަނީ ކީއްވެތޯ އެވެ.
ޝަރީއަތް ނިމެންދެން މީހަކު ބަންދުނުކޮށް ވަނީ ކީއްވެކަން އެއީ ޕީޖީ އޮފީހުން ދެކޭ ގޮތުގައި ޖަވާބު ދިނުން ދަތި ސުވާލެކެވެ. އަސްލަކީ ހުކުމެއް ކުރުމުގެ ކުރިން ބަންދު ނުކުރުން ކަމަށްވިޔަސް ޝަރީއަތް ނިމެންދެން ބަންދުކުރުމަކީ ހިނގަމުން އަންނަ ކަމެކެވެ. މި ދުވަސްވަރު އަނެއްކާވެސް "ވާނުވާ" ބަންދުގެ އަޑު މިވަނީ ގަދަވެފަ އެވެ.
ވާނުވާ ބަންދާ ގުޅޭ ގޮތުން އެކި ފަރާތްތަކުން އެ ފަރާތްތަކުގެ ހިޔާލުތައް ފާޅުކުރަމުން، ގާނޫނުތަކުން ހުއްޖަތް ދައްކަމުންދާއިރު މި ފަހަރު މިއޮތީ ޝަރަފުވެރިކަމާއެކު ފަނޑިޔާރު ކަމުން ވަކިވެފައިވާ ރިޓަޔާޑް ފަނޑިޔާރެއްގެ ހިޔާލެވެ.
ހައިކޯޓުގެ ކުރީގެ އިސް ފަނޑިޔާރު އަދި ގިނަ ދުވަސްތަކެއް ވަންދެން ސިވިލް ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ހާތިފް ހިލްމީ މިކަމުގައި އުފެއްދެވި ސުވާލަކީ ވާނުވާއޭ މިކިޔާ ބަންދަށް އޮތް ހަމައެކަނި ހައްލަކީ ޝަރީއަތް އަވަސްކުރުންތޯ އުފެއްދެވި ސުވާލެވެ.
ހާތިފް ވިދާޅުވި ޔަގީނުންވެސް ޝަރީއަތް އަވަސްވުމަކީ ހައްލެއް އަދި އެއީ އޭގެ އެންމެ ފުރިހަމަ ހައްލެވެ. އެހެންނަމަވެސް ހާތިފް ދެކެވަޑައިގަންނާ ގޮތުގައި ޝަރީއަތް އަވަސްވުމަކީ އެއީ އެކަމަށް އޮތް ހަމައެކަނި ހައްލު ނޫނެވެ. އެހެންވެ ހާތިފް ވަނީ އެކަމަށް އޮތް އެހެން ހައްލުތަކެއް ވިދާޅުވެ ދެއްވާފަ އެވެ.
ހާތިފް ވިދާޅުވި ގޮތުގައި މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައި ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެ ކަމަށްޓަކައި ނުވަތަ ފިލައިފާނެ ކަމަށްޓަކައި ބަންދުކޮށްފައިވާ މީހާއަށް ޓެގް އަޅުވާފަ މޮނިޓަ ކުރެވޭނެ ރަނގަޅު ނިޒާމެއްވެސް ގާއިމުކުރެވިދާނެ އެވެ.
ޓެގް އަޅުވާފައި ހުންނަ މީހާ ނުފިލާނެކަމާއި ކޯޓަށް ހާޒިރުރުވާނެކަން އަދި އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތި ނުވާނެކަން ތަންފީޒީ އިދާރާތަކަށް ކަށަވަރު ކުރެވިއްޖެނަމަ މީހަކު ބަންދުގައި ބަހައްޓަން ޖެހޭ ހާލަތު ވަރަށް މަދުވާނެ ކަމަށް ހާތިފް ދެކެވަޑައިގަންނަވަ އެވެ.
މީގެ އިތުރުން ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެ ކަމަށްޓަކައި ބަންދުކޮށްފައިވާ މީހަކާ ގުޅޭ މައްސަލައެއް ނަމަ އަދި އެ މައްސަލައިގައި މާއްދީ ހެއްކެއް ވާނަމަ، އެ ހެކި ރައްކާކޮށް، ދައުލަތުގެ ބެލުމުގެ ދަށަށް ގެނައުމަކީ ކުރެވިދާނެ ކަމެއް ކަމަށް ހާތިފް ވިދާޅުވި އެވެ.
ހެކިވެރިޔެއް ކަމަށްވާނަމަ ބަންދުގައި ހުރި މީހާގެ އެދުމުގެ މަތިން ދުރާލާ ހެކިބަސް ނެގެން އޮތްނަމަ، ދުރާލާ އެ ހެކިބަސް ނެގުން އަދި މި ހެކިބަސް ފަހުން ބަދަލު ކުރުމުގެ ފުރުސަތު ހެކިވެރިޔާއަށް ނުދިނުން ނުވަތަ އެ ފުރުސަތު ވަރަށް ހަނިކޮށްފައި ބޭއްވުމަކީވެސް ހާތިފްގެ ނަޒަރުގައި ވާނުވާ ބަންދަށް އޮތް ހައްލެކެވެ.
ސޯޝަލް މީޑީއާގައި ހާފިތްގެ މި ހިޔާލުތައް ހިއްސާ ކުރައްވާފައި މިވަނީ ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ވާނުވާ ބަންދާ ގުޅޭ ގޮތުން މި ފަހުން އެކި މަހަލްތަކުގައި ވާހަކަ ދައްކާފައި ވަނިކޮށެވެ. އަދި ވާނުވާ ބަންދާ ގުޅޭ ގޮތުން އެކަމުގެ ކަންބޮޑުވުން އޮތް ފަރާތްތަކުން މި ފަހުން މުޒާހަރާވެސް ކޮށްފައި ވަނިކޮށެވެ.