މި ސަރުކާރުން މަސްވެރިންނަށް މިހާތަނަށް 998.8 މިލިއަން ރުފިޔާ ދީފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި މިއީ މިދިޔަ ޖޫން މަހުގެ 27 ވަނަ ދުވަހާ ހަމައަށް މަސްވެރިންނަށް ދައްކަންޖެހޭ ފައިސާ އެވެ.
މަސް ކުންފުނި -- މިފްކޯ އިން މިމަހުގެ އެއްވަނަ ދުވަހުގެ ރޭ ބުނީ ޖޫން 27 ވަނަ ދުވަހުގެ ނިޔަލަށް އެ ކުންފުންޏަށް ކިރާފައިވާ މަހުގެ ފައިސާ އޮޑިވެރިންގެ އެކައުންޓްތަކަށް ޖަމާކޮށްފައިވާ ކަމަށެވެ.
މަސްވެރިންނަށް ދޭންޖެހޭ ފައިސާ ޖަމާކުރުން ލަސްވުމުން މިދިޔަ މަހު އައްޑޫގައި މަސްވެރިން އިހުތިޖާޖުވެސް ކުރި އެވެ. ފައިސާ ޖަމާކުރުމުން މަސްވެރިން ވަނީ އެ އިހުތިޖާޖު ނިންމާލާފަ އެވެ.
މިފްކޯ އިން މިހާރު ވަނީ އެ ކުންފުންޏަށް މަސް ގަންނަ އަގަށް ބަދަލު ގެނެސްފަ އެވެ. އެ ގޮތުން މިފްކޯއަށް މަސް ގަންނާނީ ބައިނަލްއަގްވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރާއި، މަސް އެކްސްޕޯޓް ކުރުމަށް ހޭދަވާ ހަރަދުތަކަށް ބެލުމަށްފަހު ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވަނީ ވިދާޅުވެފަ އެވެ.
އެ ގޮތުން މިމަހުގެ ހަ ވަނަ ދުވަހުން 12 ވަނަ ދުވަހަށް މިފްކޯއަށް ކަނޑުމަހާއި ކަންނެލި ގަންނާނެ އަގުތައް އެ ކުންފުނިން ވަނީ އާންމުކޮށްފަ އެވެ.
މިފްކޯއަށް މިހާރު މަސް ގަންނަ އަގު
- 1.5 ކިލޯއިން މަތި: އައިސް އެޅި - 16ރ. | އައިސް ނާޅާ 14ރ.
- 1.5 ކިލޯއިން ދަށް: އައިސް އެޅި - 7ރ. | އައިސް ނާޅާ 5ރ.
މިފްކޯ އިން ބައިނަލްއަގްވާމީ ބާޒާރުގައި މަސް ގަންނަ އަގުގައި މަސް ގަތުމަށް ނިންމާފައި މިވަނީ އެ ކުންފުނީގެ ދަރަނި 1.2 ބިލިއަނަށް ވުރެ މައްޗަށް ގޮސް ކުންފުނި ބަނގުރޫޓް ވުމާ ހިސާބަށް ގޮސްފައި ވަނިކޮށެވެ. މިފްކޯ އިން ބުނާ ގޮތުގައި އެ ކުންފުންޏަށް މަސްވެރިންނަށް ފައިސާ ދިނުން ލަސްވަމުން ދިޔައީ ނިމިގެން ދިޔަ ސަރުކާރުން ސިޔާސީ ބޭނުމެއްގައި އެއްވެސް ކަމަކަށް ބެލުމެއް ނެތި ބޮޑު އަގުގައި މަސް ގަންނަން ނިންމި ހިސާބުން ކަމަށެވެ.