ފައްޔާޒް އިސްމާއީލް

ފައްޔާޒު ސަރުކާރަށް: ދެބޯގެރި ނުދުއްވައި އިހްލާސްތެރިވޭ

ދައުލަތުން ހަރަދު ކުޑަކުރުމުގައި ދެބޯގެރި ނުދުއްވައި އިހްލާސްތެރިވާން ޖެހޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ފައްޔާޒް އިސްމާއީލް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދާއި ލޯކަލް ކައުންސިލްތަކުގައި ތިބޭ ކައުންސިލަރުންގެ އަދަދާއި މިނިވަން މުއައްސަސާތަކުގައި ތިބޭ މެންބަރުންގެ އަދަދު މަދުކުރަން ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެފައިވަނިކޮށެވެ.

އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ ސިސްޓަމަށް ބަދަލުތަކެއް އަންނަން ޖެހޭ ކަމަށާއި ނަމަވެސް މަޖިލީހުގެ މެންބަރުންގެ އަދަދާއި ކައުންސިލްގެ މެންބަރުންގެ އަދަދު މަދުކުރުމުގެ ކުރިން ރައްޔިތުންގެ ހިޔާލު ހޯދަންޖެހޭ ކަމަށެވެ.

"ސިސްޓަމަށް ބަދަލުތަކެއް އަންނަން ޖެހޭ. ކައުންސިލްގެ އަދަދު މަދުކުރުން, މަޖިލިސް އަދަދު މަދުކުރުން, މިކަންކަން ކުރުމުގެ ކުރިން ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ފުޅާ ދާއިރާއެއްގައި ހޯދަން ޖެހޭ. ނަމަވެސް ދެބޯގެރި ދުއްވުމުގެ ބަދަލުގައި މިހާރުން މިހާރަށް ކުރެވެން ހުރި ކަންކަން ކުރުން މުހިންމު،" ފައްޔާޒް ވިދާޅުވި އެވެ.

މާލިއްޔަތު ރަނގަޅު ކަމަށް ސަރުކާރުގެ ވަޒީރުން ވިދާޅުވަމުންދާކަން ފާހަގަކުރައްވާ ފައްޔާޒް ވިދާޅުވީ އެއާއެކު އާންމު ރައްޔިތުން ހިތި ބޭސް ބޯންޖެހޭ ވާހަކަ ދެއްކުމުން މާލިއްޔަތު އަދި އިގްތިސާދު ރަނގަޅަށް އޮތް ނަމަވެސް ރައްޔިތުން އަދި އިންވެސްޓަރުންނާއި ފައިނޭންސަރުންގެ އިތުބާރު ގެއްލި ނުބައި ދިމާލަކަށް ގޮސްދާނެ ކަމަށެވެ. އަދި ގެންނަން ހުށަހަޅާފައިވާ ބަދަލުތަކުގައި އިހުލާސްތެރިކަމެއް ހުރި ކަމަށް ނުފެންނަ ކަމަށްވެސް ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ ވިޔަފާރިތަކާއި ކިޔަވަން ބޭރުގައި ތިބި ދަރިވަރުންނަށް ދޭން ޖެހޭ ފައިސާ ދޭނެ ގޮތެއްގެ ވާހަކަ ސަރުކާރުން ހާމަކުރަން ޖެހޭ ކަމަށެވެ. މީގެ އިތުރުން ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކުރަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"އިތުބާރު ހޯދުމަށް ވައުދުވެފައިވާ ގޮތަށް ކަންކަން އަދި ހާލަތު އޮތްގޮތް މުޅިން ސާފުވާ ގޮތަށް ހާމަކުރަން ޖެހޭ. ސިޔާސީ މުވައްޒަފުން ކިހާވަރެއްތޯ، ރައްރަށުގެ ކައުންސިލަރުން މަދުކުރުމުގެކުރިން ސިޔާސީ މުވައްޒަފުން ވައުދާއެއްގޮތަށް މަދުކުރޭތޯ، މިކަންކަން ހާމަކުރުމަކީ އެއްވެސް ވަރަކަށް އުނދަގޫކަމެއް ނޫން އަދި މިވަގުތުވެސް ސަރުކާރަށް އެނގެންޖެހޭ މައުލޫމާތު. ނޭނގޭނަމަ އެއީ އަދި މާ ކަންބޮޑުވާންޖެހޭ ކަމެއް،" ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ ރައްޔިތުން ބަލައިގަންނާނެ ހަރުދަނާ ބަދަލުތަކަކަށް އެމްޑީޕީ އިން މަރުހަބާ ކިޔާނެ ކަމަށާއި ނަމަވެސް މާލީ ހާލަތު "ވާނުވާ" ގަ ބާއްވައިގެން ގައުމަށް ލިބޭނެ އެއްވެސް ކުރިއެރުމެއް ނެތް ކަމަށެވެ.