ކަލައިދޫ

ކަލައިދޫ ކައުންސިލުން މީހެއްގެ އަބުރާ ބެހުނު މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

ލ. ކަލައިދޫ ކައުންސިލް އިދާރާއިން އެ ރަށު މީހެއްގެ އަބުރާ ބެހުނުކަން ސާބިތުވާ ކަމަށް އެ ރަށު ކޯޓުން ކުރި ހުކުމް، އެ ކައުންސިލުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން އެ މައްސަލަ ބޭރުކޮށްލައިފި އެވެ.

ލ. ކަލައިދޫ ކައުންސިލް އިދާރާއިން މީހެއްގެ އަބުރާ ބެހުނުކަން ސާބިތުވުމުން، އެ ކައުންސިލުން ހައިކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބޭރުކޮށްލީ، ކޯޓަށް ރަޖިސްޓްރޭޝަން ފީ ދައްކަން ޖެހޭ މުއްދަތުގައި އެ ފީ ދައްކާފައި ނުވާތީ އެވެ. ހައިކޯޓުން މައްސަލަ ބޭރުކޮށްލީ މިއަދު އެވެ.

ލ. ކަލައިދޫ ކައުންސިލުން އެ ރަށު މީހެއްގެ އަބުރާ ބެހުނުކަން ސާބިތުވާ ކަމަށް އެ ރަށު ކޯޓުން ހުކުމް ކުރީ މިދިޔަ ފެބްރުއަރީ މަހުއެވެ. އެއީ ކައުންސިލް އިދާރާއިން ހަދާފައިވާ ކޮމިއުނިޓީ ވައިބަ ގްރޫޕެއްގައި އެ ރަށު ކޯޒީ ހައުސް، އަލީ ޔޫސުފްގެ އަބުރަށް ހުތުރުވާ ގޮތަށް ލިޔުނު ލިޔުމަކާ ގުޅިގެންނެވެ. އެ މައްސަލައިގައި ކައުންސިލާ ދެކޮޅަށް އަބުރުގެ ދައުވާ ކުރީ އަލީ ޔޫސުފް އެވެ.

މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި، ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މީހަކު ހޯދުމަށް ކުރި އިއުލާނަށް އިޖާބަދީ އަލީ ޔޫސުފް އެ މަގާމަށް ކުރިމަތިލައި އަދި އިންޓަވިއު އިން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން އެ މަގާމަށް އޭނާ ހޮވާފައި ވަނިކޮށް، އެ މަގާމަށް އޭނާ އައްޔަން ކުރަން ކައުންސިލުން ފަހުން ދެކޮޅު ހަދައި، އޭނާގެ އަބުރަށް ހުތުރުވާ ގޮތަށް ކައުންސިލްގެ ރަސްމީ ވައިބާ ގްރޫޕުގައި ލިޔުމެއް ހިއްސާ ކުރި އެވެ. މި ލިޔުމުގައި ޔޫސުފްގެ އަބުރަށް ހުތުރުވާ ގޮތަށް ދޮގު ތުހުމަތުތަކެއް ކޮށްފައިވާ ކަމަށް ޔޫސުފަށް ގަބޫލް ކުރެވިގެން އެ މައްސަލަ ކޯޓަށް ހުށަހެޅީ އެވެ.

އެ މައްސަލައިގައި ކަލައިދޫ ކޯޓުގައި ޔޫސުފް އެދުނީ ޔޫސުފްގެ އަބުރާ ކައުންސިލުން ބެހިފައިވާކަން ކަނޑައަޅައި ދިނުމަށާއި އަދި އޭނާގެ ކިބައިން ލިޔުމުން ކައުންސިލުން މައާފަށް އެދުމަށެވެ. އަދި މައާފަށް އެދި ލިޔާ ލިޔުން ކައުންސިލްގެ ކޮމިއުނިޓީ ވައިބަ ގުރޫޕްގައި ހިއްސާކުރުމާއެކު އަބުރާ ބެހުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށެވެ.

މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި އަލީ ޔޫސުފަށް މަގާމު ދިނުމަށް ސިވިލް ސާވިސް ކޮމިޝަނުން ނިންމައި، އެކަމުގައި ކައުންސިލްގެ ލަފައަކަށް އެދުމުން ކައުންސިލްގެ ފަސް މެންބަރުންގެ ތެރެއިން ތިން މެންބަރުންގެ ވޯޓުން އަލީ ޔޫސުފް އެ މަގާމަށް އައްޔަން ކުރަން ނުފެންނަ ކަމަށް ނިންމީ އެވެ.

މި މައްސަލައިގައި ކަލައިދޫ އިސްމެޖިސްޓްރޭޓް ކުރި ހުކުމުގައިވަނީ އަލީ ޔޫސުފްގެ އަބުރަށް ކައުންސިލުން އަރައިގެންފައިވާ ކަމަށް ކަނޑައަޅުއްވާފަ އެވެ. އަދި އަލީ ޔޫސުފްގެ ކިބައިން މައާފަށް އެދި ކައުންސިލުން ސިޓީއެއް ފޮނުވުމަށާއި، މާއްދީ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 5،000 ރުފިޔާ އަލީ ޔޫސުފަށް ދިނުމަށްވެސް ހުކުމްކޮށްފައިވެ އެވެ.