ސިވިލް ކޯޓް

އޮޅުވާލައިގެން އެތެރެކުރި 22 ވެހިކަލެއް ދައުލަތަށް ނަގަން ހުކުމްކޮށްފި

އޮޅުވާލައިގެން ރާއްޖެއަށް އެތެރެކުރި 22 އުޅަނދެއް ދައުލަތަށް ނަގަން ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

މި އުޅަނދުތައް އެތެރެކުރީ ގދ. ތިނަދޫ، ލާޓް، އަލީ އަސްބާހް ނިޒާރުގެ ނަމުގައި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ މެޓްރޮކްސްގެ ނަމުގައި އޮގަސްޓް 2019 ގަ އެވެ. އެ މުދާތައް ޑިކްލެއާކޮށްފައިވަނީ ފްލައިވުޑް އަދި ޓިމްބާގެ ގޮތުގަ އެވެ.

މި ދެ ޑިކްލެރޭޝަން ޕްރޮސެސްކުރުމަށްފަހު ކްލިއާކޮށްގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ސަރަހައްދުން ނެރެގެން ގެންދިޔަ ދެ ކޮންޓެއިނަރުން 22 ވެހިކަލާއި ސްޕެއާ ޕާޓްސް ނެރެފައިވާ މައްސަލާގައި ކަސްޓަމްސް އިން ވަނީ ސިވިލް ކޯޓުގައި ދައުވާކޮށްފަ އެވެ.

މި މައްސަލައިގައި ކަސްޓަމްސް އިން ކޯޓުގައި ބުނެފައިވަނީ އެއީ އެ މީހާ ވަގަށް އެތެރެކުރި ވެހިކަލްތަކެއްކަން ތަހުގީގުގައި ސާބިތުވެފައިވާ ކަމަށެވެ. އެހެންކަމުން މުދާތައް ދައުލަތަށް ނަގައިދިނުމަށް ވަނީ އެދިފަ އެވެ.

މި މައްސަލަ ރައްދުވާ މީހާ ވަނީ އެއީ އޭނާގެ މުދާ ނޫން ކަމަށް ކޯޓުގައި ބުނެފަ އެވެ.

ސިވިލް ކޯޓުގެ ގާޒީ މުހައްމަދު އީސާފުޅު އިއްވެވި ހުކުމްގައިވާ ގޮތުން އެ މުދާ އެތެރެކޮށްފައިވަނީ ދައުވާ ލިބޭ މީހާގެ ޔޫސާ ނޭމާއި ޕާސްވޯޑް ބޭނުންކޮށްގެންނެވެ. އެ ލޮގިން ބޭނުންކުރީ ދައުވާ ލިބޭ މީހާ ނޫންކަން ދައުވާ ލިބޭ މީހާއަށް ސާބިތުކޮށްދެވިފައިނުވާ ކަމަށް ހުކުމްގައިވެ އެވެ.

އެ އުޅަނދުތަކާއި ސްޕެއާ ޕާޓްސްތަކަކީ ސިއްރުން ރާއްޖެއަށް އެތެރެކޮށްފައިވާ މުދާކަން މަދަނީ މިންގަނޑު ސާބިތުވާ ކަމަށް ހުކުމްގައިވެ އެވެ. އެ މުދަލަކީ ދައުލަތަށް ނެގުމުގެ އަމުރު ދެވިފައިވާ މުދާ ކަމަށް ކަނޑައަޅާ ކަމަށްވެސް ހުކުމްގައިވެ އެވެ.