ރާއްޖޭގައި ފާނަބަސަންދާއި ހޭންޑް ފުޓް އެންޑް މައުތު ބަލި އިތުރުވާން ފަށައިފި އެވެ.
މި ބަލިތައް އިތުރުވާތީ ސަމާލުވުމަށް އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އިލްތިމާސްކޮށްފަ އެވެ.
އެޗްޕީއޭ އިން ބުނި ގޮތުގައި މި ދެ ބައްޔަކީވެސް ވައިރަސްއަކުން ޖެހޭ ބައްޔެކެވެ.
އެޗްޕީއޭ އިން ބުނި ގޮތުގައި ފާނަބަސަންދަކީ އާންމުކޮށް ކުޑަކުދިންނަށް ޖެހޭ ބައްޔެއްކެވެ. ނަމަވެސް ބޮޑެތި މީހުންނަށްވެސް މި ބަލި ޖެހޭ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.
ފާނަބަސަންދުގެ އަލާމާތްތަކުގެ ތެރޭގައި ހުންއައުމާއި ވަރުދެރަވުމާއި ނޭފަތުން ފެންއައުން އަދި ހަމުގައި ބިހިތަކެއް ނެގުން ހިމެނެ އެވެ.
މި ބިހިތައް ފެން ފޮޅުތަކަކަށް ބަދަލުވާ ކަމަށާއި މި ބިހިތަކަކީ ވަރަށް ހިރުވާ އަދި ފަސޭހައިން ފަޅައިގެންދާ ބިހިތަކެއް ކަމަށް އެޗްޕީއޭ އިން ބުނެ އެވެ. އަދި ދެތިން ދުވަސް ތެރޭގައި ހަށިގަނޑުގެ އެކި ތަންތާ ފެން ބިހިނަގާ ކަމަށްވެސް އެޗްޕީއޭ އިން ބުނެ އެވެ.
އެޗްޕީއޭ އިން ބުނި ގޮތުގައި ބަލިޖެހިފައި ހުރި މީހަކު ކެއްސާ ކިނބިހި އަޅާއިރު ނޭވާލާ ނިޒާމުގެ ޒަރީޔާއިން މި ބަލި ފެތުރެ އެވެ.
ފާނަބަސަންދުން ރައްކާތެރިވުމަށް ކުރެވޭނެ ކަންކަން
- ބަލިޖެހިފައިވާ މީހުން ގާތަށް ޒިޔާރަތްނުކުރުން
- ބަލި ޖެހިގެން ނަގާ ބިހިތައް އެއްކޮށް ކުރަމަގާލިލަންދެން ބޭރަށް ނުނިކުތުން
- ބަލި ޖެއްހިޖެނަމަ ގޭގައި އެހެން މީހުންނާ އެކަހެރިވުން
- ބަލި ފަސޭހަވަންދެން ހިފާ ގެންގުޅޭ ތަކެތި ވަކިކުރުން
- ބަލިން ރައްކާތެރިވުމަށް ޗިކަންޕޮކްސް ވެކްސިން ޖެހުން
އެޗްޕީއޭ އިން ބުނި ގޮތުގައި ހޭންޑް ފުޓް އެންޑް މައުތު ބައްޔަކީ ކޮންމެ މީހަކަށްވެސް ޖެހުމުގެ ފުރުސަތު އޮތް ބައްޔެކެވެ. ނަމަވެސް އާންމުކޮށް ކުޑަކުދިން އެއްވެ އުޅޭ ތަންތަނުގައި މި ބަލި ފެތުރުމުގެ ފުރުސަތު ބޮޑުކަން އެޗްޕީއޭ އިން ފާހަގަކުރެ އެވެ.
ހޭންޑް ފުޓް އެންޑް މައުތު ބަލީގެ އަލާމާތްތައް
- ކަރުތެރެ ފާރުވުން
- ކާހިތް ނުވުން
- ވަރުދެރަވުން
- ހުން އައިސް ބޮލުގައި ރިއްސުން
- އަތްތިލަ އާއި ފައިތިލާގައި ރަތްކުލައިގެ ބިހިތަކެއް ނެގުމަށްފަހު ފެންފޮޅަކަށް ބަދަލުވުން
މި ބަލިން ރައްކާތެރިވުމަށް ގިނަ ގިނައިން އަތް ދޮވުމާއި އާއްމުކޮށް އަތްލާ ތަކެއްޗާއި ތަންތަން ސާފުކުރުމާއި ބަލިޖެހިފައިވާ ކުދިންނަށް ޒިޔާރަތްނުކުރުން ހިމެނެ އެވެ.