އެތައް ބަޔަކު ބައިވެރިވެ ހިންގި ސްކޭމެއްގައި އަމިއްލަ ކުންފުންޏެއްގެ އެކައުންޓްގައި ހުރި 1.9 މިލިއަން ރުފިޔާ 10 މިނެޓް ތެރޭ ފޭރިގެންފި އެވެ.
މިމައްސަލައިގެ މައުލޫމާތު ދިނުމަށް ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެންޓި ސްކޭމް ޑިޕާޓްމަންޓްގެ އިންސްޕެކްޓާ އޮފް ޕޮލިސް އާދަމް ނަވީދު ވިދާޅުވީ މި ސްކޭމް ފެށިގެން އައީ އެކަމުގައި ހިމެނޭ މީހަކާއި އަމިއްލަ ކުންފުންޏެއްގެ ހިއްސާދާރަކާ ދެމެދު ކުރިއަށް ދިޔަ މަޝްވަރާތަކެއްގެ ތެރެއިން ކަމަށެވެ. ސްކޭމް ހިންގާ މީހާ އޮޅުވާލައިގެން ހުށަހެޅީ މިސަރުކާރުން ކުރިއަށް ގެންދާ ރަސްމާލެ މަޝްރޫއަށް ބޭނުންވާ ބައެއް ތަކެތި ސަޕްލައިކޮށްދިނުމާ ގުޅޭ ހުށަހެޅުމެއް ކަމަށްވެސް ވިދާޅުވި އެވެ.
ނަވީދު ވިދާޅުވީ މި ސްކޭމް ހިންގީ ކުންފުނީގެ ހިއްސާދާރުގެ އީމެއިލް ހެކްކުރުމަށްފަހު އެ ކުންފުނީގެ ބޭންކް އެކައުންޓުގެ އިންޓަނެޓް ބޭންކިންއަށް އެކްސަސްވުމަށްފަހު ކަމަށެވެ. ސްކޭމަރު ކުންފުނީގެ އެކައުންޓުން ފައިސާ ނަގަމުން ދިޔައިރުވެސް ހިއްސާދާރު ދިޔައީ ވަޓްސްއަޕް މެދުވެރިކޮށް ސްކޭމަރާ ވާހަކަދައްކަމުން ކަމަށާއި އެ އެކައުންޓުން ފައިސާ މަދުވިކަން އެހެން ހިއްސާދާރާކަށް ޝައްކުވެގެން ބެލިއިރު އެކައުންޓުގައި ހުރި ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ތެރެއިން 70 ޕަސަންޓް އޭރު ފޭރިގެންފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ބޭންކަށް އެ ވަގުތު މައްސަލަ ރިޕޯޓްކޮށް އެކައުންޓް ބްލޮކް ކުރެވުނުއިރު އެކައުންޓުގައި ބާކީ ހުރީ އެންމެ އަށްލައްކައެއްހާ ރުފިޔާ،" ނަވީދު ވިދާޅުވި އެވެ.
މިސްކޭމްގައި އަމަލީ ގޮތުން 158 މީހެއްގެ ބައިވެރިވިއިރު މީގެތެރޭގައި ޖަލު އޮފިސަރުންވެސް ހިމެނޭކަން ފާހަގަކުރައްވާ ނަވީދު ވިދާޅުވީ މި މައްސަލައިގެ ތުހުމަތުގައި ޕެރޯލްގެ ދަށުން ޖަލުން ދޫކޮށްފައިވާ މީހަކު މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ނަވީދު ވިދާޅުވީ މި ސްކޭމްގެ ތެރެއިން ފޭރިގެންފައިވާ ފައިސާ 50 އެކައުންޓަކަށް ޖަމާކޮށް މި ފައިސާ ބޭންކިން ނިޒާމުގެ ތެރެއިން ބޭރުކުރުމަށް 12 ރަށަކުން 158 މީހުން ބައިވެރިވެފައިވާ ކަމަށެވެ. މި ސްކޭމްގެ ތެރެއިން ފޭރިގެން ފައިސާތައް އެކިއެކި އެކައުންޓްތަކަށް އޮންލައިންކޮށް ޖަމާކުރިއިރު އޭޓީއެމްތަކުންވެސް އެތައް ފައިސާއެއް ނަގާފައިވެ އެވެ. ފައިސާ ނެގި މީހުންގެ ތެރޭގައި އެއީ ކުށެއް ކޮށްގެން ބަޔަކު އެ މީހުންގެ އެކައުންޓަށް ޖަމާކުރި ފައިސާކަން ނޭނގި ފައިސާ ނަގައިދިން މީހުން ތިބި ކަމަށްވެސް ވިދާޅުވި އެވެ.
މިސްކޭމްގެ ތެރޭގައި ދައުރު ކުރި ފައިސާގެ ތެރެއިން ޖުމްލަ ފަސްލައްކައެއްހާ ރުފިޔާ ފުލުހުން މިހާރު ވަނީ އަތުލައިގެންފަ އެވެ. އަދި މިސްކޭމްގެ ފައިސާ ދައުރުކުރަމުން ދިޔަ ފުރަތަމަ 72 ގަޑިއިރު ތެރޭ ފައިސާ ޖަމާވި އެކައުންޓްތަކުގެ ތެރެއިން 80 ޕަސަންޓް އެކައުންޓްގެ ވެރިފަރާތްތައް ހޯދައި ސުވާލުކޮށްފައިވެ އެވެ. އަދި 60 މީހަކު ބަލައި ފާސްކޮށް 57 އެކައުންޓެއް ފްރީޒްކޮށްފައިވެ އެވެ.