މޯލްޑިވްސް އިމިގްރޭޝަން

އިމިގްރޭޝަންގެ ވެހިކަލަކަށް ބިދޭސީއަކު ގެއްލުން ދީފި

ގާނޫނާއި ގަވާއިދާ ހިލާފަަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން ފުލުހުންނާ ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނުގެ ތެރެއިން އިމިގްރޭޝަންގެ ވެހިކަލަކަށް ބިދޭސީއަކު ގެއްލުން ދީފި އެވެ.

މާލޭގައި ރޭ ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން ޓޭކްއަވޭ ކެފޭ ހިންގަމުންދާ ހަތަރު ތަނެއް ބަލައި ފާސްކުރުމުގެ ތެރެއިން ބިދޭސީ ހަ ފިރެހެނަކާއި އެއް އަންހެނެއް ވަނީ އިމިގްރޭޝަނުގެ ބެލުމުގެ ތެރެއަށް ގެންގޮސްފަ އެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންދިޔައިރު އެކަމަށް ހުރަސް އަޅާ، އިމިގްރޭޝަންގެ ވެހިކަލަކަށް ގެއްލުން ދިން ބިދޭސީ މީހާވެސް ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

އިމިގްރޭޝަނުން ބުނީ ވެހިކަލަށް ގެއްލުން ދިން ބިދޭސީއަށް ވީ އެންމެ އަވަހަށް އިމިގްރޭޝަން ގާނޫނުން ހަރުކަށި ފިޔަވަޅު އަޅާ، ޑީޕޯޓް ކުރާނެ ކަމަށެވެ.

މިކަމާ ގުޅޭގޮތުން އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވީ ފަސް ޖެހުމެއްނެތި އެ އޮޕަރޭޝަންތައް އަދިވެސް ކުރިއަށް ދާނެ ކަމަށެވެ.

"ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ މި އޮޕަރޭޝަން ފަސް ޖެހުމެއް ނެތި އަދި ބިރަކަށް ސިހުމެއް ނެތި ކުރިއަށް ދާނެ،" ކޮންޓްރޯލާ ޝަމްއާން ވިދާޅުވި އެެވެ.