އެޗްޑީސީ

ޗެނަލް ޕާކު ސަރަހައްދުގައި ކޮމާޝަލް އައުޓްލެޓް ތަރައްގީކުރަން ހުޅުވާލައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ޗެނަލް ޕާކު ސަރަހައްދުގައި ކޮމާޝަލް އައުޓްލެޓްތަކަކާއި، ހުޅުމާލޭގައި ކޮމާޝަލް ކިއޮސްކް ތަރައްގީކޮށް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ހުޅުވާލައިފި އެވެ.

އެޗްޑީސީ އިން ބުނި ގޮތުގައި އެ ދެ މަޝްރޫއުވެސް ދޫކުރާނީ ލޭންޑް ލީސް ރައިޓްސް މޮޑެލްއަށެވެ. ނަމަވެސް އެޗްޑީސީއަށް ހުށަހަޅާ އީއޯއައިތައް އެހެން މޮޑެލްތަކަށް ވެސް ހުށަހެޅިދާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ.

އެޗްޑީސީ އިން ބުނީ އެއް ފަރާތަށްވުރެ ގިނަ ފަރާތުން އެ މަޝްރޫއުތަކަށް ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅައިފިނަމަ މަޝްރޫއު ހަވާލު ކުރާނީ އެންމެ ފުރިހަމަ ޕްރޮޕޯސަލް ހުށަހަޅާ ފަރާތަކަށެވެ.

އީއޯއައިތައް އިވެލުއޭޓް ކުރުމުގައި ބަލާނެ ކަންތައްތަކުގެ ތެރޭގައި ޕްރޮޕޯސްކޮށްފައިވާ ބިޒްނަސް މޮޑަލްއާއި، އޮޕަރޭޓަރުގެ އެކްސްޕީރިއެންސް އަދި ސީއެސްއާރު ހިމެނެ އެވެ.

އެހެންކަމުން، ކޮމާޝަލް އައުޓްލެޓްތައް ތަރައްގީކޮށް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން އީމެއިލް މެދުވެރިކޮށް ނުވަތަ އެޗްޑީސީ ބިލްޑިންއަށް ހާޒިރުވެ، މި މަހުގެ 26 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން އީއޯއައި ހުށަހަޅަންޖެހެ އެވެ. އަދި ކޮމާޝަލް ކިއޮސްކް ތަރައްގީކޮށް ހިންގުމަށް އީއޯއައި ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 28 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އެވެ.

މި ދެ މަޝްރޫއާ ގުޅޭ އިތުރު މައުލޫމާތު މި ކޯޕަރޭޝަންގެ ވެބްސައިޓުން ލިބޭނެ އެވެ. އަދި އެޗްޑީސީގެ ނަންބަރު 1516 އަށް ގުޅައިގެންވެސް އިތުރު މައުލޫމާތު ސާފުކުރެވޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ.