މިނިސްޓަރު އަލީ އިހުސާން

"ކުރަނގި" އޮޕަރޭޝަން މި މަހުގެ 18 ވަނަ ދުވަހު މުޅި ރާއްޖޭގައި ލޯންޗުކުރަނީ

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީއާއި މޯލްޑިވްސް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ކުރިއަށް ގެންދާ "ކުރަނގި" އޮޕަރޭޝަންގެ ފުރަތަމަ ފިޔަވަހި މުޅި ރާއްޖޭގައި މި މަހުގެ 18 ވަނަ ދުވަހު ފެށުމަށް ނިންމައިފި އެވެ.

ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި މިއަދު ބައިވެރިވެވަޑައިގެން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ ރާއްޖޭގައި ދިރިއުޅޭ ހުރިހާ ބިދޭސީންގެ އައިޑެންޓިޓީ ދެނެގަތުމަށް ކުރިއަށް ގެންދާ އޮޕަރޭޝަން އިތުރަށް ފުޅާކޮށް މި މަހުގެ 18 ވަނަ ދުވަހު މުޅި ރާއްޖޭގައި މި އޮޕަރޭޝަން ފަށާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މި އޮޕަރޭޝަންގެ ހަދާ ބަޔޮމެޓްރިކް އައިޑެންޓިފިކޭޝަންގެ ތެރެއިން ފިންގަޕްރިންޓާއި ފޭޝަލް ރިކޮގްނިޝަން ވެސް ހަދާނެ ކަަމަށެވެ. އަދި އަލަށް ހަދާ ޑާޓާބޭސް އަށް އަހުލުވެރިކުރުވުމަށް ކޮންމެ ރަށެއްގެ ކައުންސިލުން ތިން ބޭފުޅުން ގެނެސް ތަމްރީން ކުރާނެ ކަމަށާއި އަދި ކައުންސިލުން ބޭނުންވާ ފިންގާޕްރިންޓް ސެންސްރުތައް ފޯރުކޮށްދޭނެ ކަމަށްވެސް ވިދާޅުވި އެވެ.

އިހްސާން ވިދާޅުވީ 2013ގެ ކުރިން ރާއްޖޭގައި އުޅެފައިވާ ބިދޭސީން ޑޭޓާ ސާފު ނުވާ ކަމަށެވެ. އަދި އެއީ އެމީހުންގެ ފިންގަޕްރިންޓް ރިކޯޑު ކުރެވިފައި ނެތުމާއި ޕާސްޕޯޓު ޑިޖިޓަލައިޒްކޮށްފައި ނެތުމުގެ ސަބަބުން ދިމާވާ ކަމެއް ކަމަށެވެ. އެހެންވެ "ކުރަނގި" އޮޕަރޭޝަން ފަށައި ފުރަތަމަ ފިޔަވަހީގައި މި މަސައްކަތް ކުރެވުނު ކ. ހިންމަފުށި އަދި ކ. މާފުށިން ނެގުނު ރިކޯޑުތަކުން ފެންނަ ގޮތުގައި ހިންމަފުށީގައި 600 ބިދޭސީން އުޅޭ ކަމަށް ދެއްކި ނަމަވެސް އަސްލު އެ ރަށުގައި 800 ބިދޭސީން ތިބިގެން ގޮސްފައިވާ ކަން އެނގިފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަންތަކުން ހައްލުތަކެއް ހޯދޭނެ ކަމަށެވެ. ބިދޭސީންގެ ދަފްތަރެއް ބަލަހައްޓަން އިމިގްރޭޝަންގެ ގާނޫނުގައި ލާޒިމުކޮށްފައިވީ ނަމަވެސް މީގެ ކުރިން އެ މަސައްކަތް ރަނގަޅަށް ކޮށްފައި ނެތް ކަމަށްވެސް ވިދާޅުވި އެވެ.

ކުރަނގި އޮޕަރޭޝަނުން ދާ މައުލޫމާތުތަކަށް ކައުންސިލްތަކަށް އަދި ފުލުހުންނަށްވެސް އެކްސެސް ވެވޭނެ ގޮތް ހަދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. އެކަމާ ގުޅޭ އެޕްލިކޭޝަން މެދުވެރިކޮށް ފޯނުން ބިދޭސީއެއްގެ ފޮޓޯއެއް ނެގުމުން އެއީ ކޮންތާކު، ކީއްކުރަން، ކޮން ރަށެއްގައި ހުންނަން ޖެހޭ، ކޮން ކުންފުންޏަކުން ގެނެސްފައިވާ އަދި ގަވާއިދާ އެއްގޮތަށް ނުވަތަ ހިލާފަށް އައިސް އުޅޭ ބިދޭސީއެއްތޯ ވަގުތުން ބެލޭނެ ކަމަށްވެސް ވިދާޅުވި އެވެ.

"މީގެ ސަބަބުން އެންފޯސްމަންޓަށް ބޮޑެތި ފަސޭހަތަކެއްވެ، ގާނޫނު ތަންފީޒުކުރުމުގެ ފުރުސަތު ލިބިގެންދޭ. ތިން އަހަރު ތެރޭގައި މި އޮޕަރޭޝަންގެ ދަށުން ބިދޭސީންގެ މައްސަލައަށް ފުރިހަމަ ހައްލެއް ލިބޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.