ކްރޮސް ސަބްސިޑީ އުސޫލުން ދޭ ބިމުގެ އަގު 10 މިލިއަން ޑޮލަރަށްވުރެ އިތުރުނަމަ އަގު ދެއްކުމުގައި ލުއި ދެވޭ ގޮތަށް ގަވާއިދަށް ބަދަލު ގެނެސްފި އެވެ.
ސަރުކާރުގެ މަޝްރޫއުތަކަށް ހަރަދުކުރާ ފަރާތްތަކަށް ކްރޮސް ސަބްސިޑީގެ ގޮތުގައި ރަށެއް، ބިމެއް ނުވަތަ ފަޅެއް ދެވިދާނެ ކަމަށް ޓޫރިޒަމާ ބެހޭ ގާނޫނުގައި ބުނެފައިވެ އެވެ.
އެ ގާނޫނުގެ ދަށުން ހަދާފައިވާ "ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދު" ފުރަތަމަ އެކުލަވާލިއިރު ގަވާއިދުގައި އޮތް ގޮތުން ކްރޮސް ސަބްސިޑީގެ ގޮތުގައި ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ސަރުކާރުން ދޭނީ ބިމަށް ދައްކަންޖެހޭ ޖުމްލަ އަގު ދެއްކުމުންނެވެ.
ގަވާއިދަށް ބަދަލު ގެނެސް އަމަލުކުރަން ފަށާފައިވަނީ އިއްޔެ އިން ފެށިގެންނެވެ.
ގަވާއިދަށް ގެނައި ބަދަލާއެކު ކްރޮސް ސަބްސިޑީ އުސޫލުން ދޫކުރާ ރަށެއް ނުވަތަ ފަޅަކަށް ނުވަތަ ބިމަކަށް ޖެހޭ ޖުމްލަ އަދަދު 10 މިލިއަން ޑޮލަރަށްވުރެ ބޮޑުވާ ނަމަ އެ އަދަދުގެ 50 ޕަސެންޓް ކުލީގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ދައްކަން ޖެހޭނެ އެވެ. އަދި ބާކީ ދައްކަންޖެހޭ ފައިސާ ބަހާލައިގެން މި އަހަރުގެ ނިޔަލަށް ދެއްކޭނެ ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ.