ރަހީނު ކުރުން

ރަހީނުކުރުމުގެ ކުށުގައި ބަޔަކު ހައްޔަރުކޮށްފި

ހުއްދަ ނޫން ގޮތުގައި މީހަކު ހިފެހެއްޓި ކަމަށް ތުހުމަތު ކުރެވޭ ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ހުއްދަ ނޫން ގޮތުގައި މީހަކު ހިފެހެއްޓިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ތިން ފިރިހެނުންނެވެ. އެއީ 22 އަހަރުގެ މީހަކާއި 27 އަހަރުގެ މީހެއްގެ އިތުރުން އަދި 30 އަހަރުގެ މީހެކެވެ.

މި ތިން މީހުން ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން ތިން މީހުންގެ ބަންދަށްވެސް ކޯޓުން ވަނީ 10 ދުވަސް ޖަހާފަ އެވެ.

މި ތިން މީހުންގެ ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަނެއްގައި މި ތިން މީހުން ހައްޔަރުކޮށްފައިވަނީ ކްރައިމް ސީނުންނެވެ. އޭރު ރަހީނުކުރި މީހާވެސް އެތަނުގައި ހުރިކަން މި ގްރޫޕުގެ ބަންދު އަމުރު ރިޕޯޓްތަކުން އެނގެ އެވެ.

މި މައްސަލައިގެ ކްރައިމް ސީނަކީ ގެސްޓްހައުސްއެއްގެ ރޫމެކެވެ. ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި މި މީހުން ހިފެހެއްޓި މީހާ، ގެސްޓްހައުސްއިން ނެރެގެން އެހެންތަނަކަށްވެސް ގެންދިޔައެވެ. އަދި ދޫކޮށްލާނީ ފައިސާ ދިނުމުން ކަމަށް ބުނެ އިންޒާރު ދީފައިވާކަން ބަންދު އަމުރު ރިޕޯޓުން އެނގެ އެވެ.