މަރާލުމަށް ފަހު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އިރުއުތުރު ސަރަހައްދުގެ މޫދަށް އެއްލާލާފައި އޮއްވާ ފެނުނު މުހައްމަދު ރާއިފްގެ މަރު މައްސަލައިގައި ހައްޔަރު ކޮށްފައިވާ އިބްރާހީމް ޒިހާނާއި ކުޑަކުއްޖާގެ މައްޗަށް ޖިނާއީ ބޮޑެތި މައްސަލަތަކެއްގެ ތުހުމަތު ކޮށްފި އެވެ.
އުމުރުން 13 އަހަރުގެ ރާއިފްގެ މަރުގެ މައްސަލާގައި ފުލުހުން މިހާތަނަށް ހައްޔަރު ކޮށްފައިވަނީ ޒިހާންގެ އިތުރުން 17 އަހަރުގެ ކުއްޖެކެވެ.
އެ މީހުންގެ ބަންދަށް މުއްދަތު ޖަހަން ރޭ ނެރުނު އަމުރުގައިވާ ގޮތުން ޒިހާންގެ މައްޗަށް ފުލުހުން ތުހުމަތުކޮށްފައި ވަނީ މާރާމާރީ ހިންގުމާއި، ކުޑަކުއްޖަކާ މެދު ޖިންސީ ގޯނާ ކުރުމާއި، ރަހީނު ކުރުމާއި އަދި ގަސްދުގައި މީހަކު މެރުމުގެ ތުހުމަތެވެ.
މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި ކުޑަ ކުއްޖާއަށް ވެސް ފުލުހުން ތުހުމަތުކުރަނީ ޒިހާނަށް ވެސް ކޮށްފައިވާ ތުހުމަތުތައް ކަމަށް އަވަސް އަށް އެނގިފައިވެ އެވެ.
ޝަރީއަތް ނިމެންދެން ޒިހާން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރު ކޮށްފައިވާއިރު ކުޑަކުއްޖާގެ ބަންދަށް ކޯޓުން ޖަހައިދީފައިވަނީ 15 ދުވަހެވެ.
މި ދެމީހުން ހައްޔަރުކޮށްފައި ވަނީ ހ. އެކްސްޓްރާ ހެވަން ގެސްޓްހައުސްގައި ފިލާ ތިއްބައި ހޯމަ ދުވަހުގެ ރޭ 9:30 އެހާކަށްހާއިރު އެވެ.
ރާއިފް މަރާލައިފައި އޮއްވާ ފެނުމުގެ ކުރިން އޭނާ ރަހީނު ކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް މިދިޔަ އާދީއްތަ ދުވަހު ފުލުހުންނަށް ވަނީ ހުށަހަޅައިފަ އެވެ. ފުލުހުން އެ މައްސަލަ ބަލަމުން ދަނިކޮށް ރާއިފް މަރާލާފައި އޮއްވާ ފެނުނީ އަންގާރަ ދުވަހުގެ ރޭ މެންދަމު 2:38 ހާއިރު އެވެ.
ރާއިފްގެ މަރުގެ މައްސަލަ ފުލުހުން ބަލަމުންދާ އިރު ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ވެސް ފުލުހުން އިއްޔެ ވަނީ ބުނެފަ އެވެ. އަދި ރާއިފަށް މުއައްސަސާތަކުން ދޭން ޖެހޭ ރައްކާތެރިކަން ފޯރުކޮށްދީފައިިވޭތޯ ބެލުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން މިހާރު ދަނީ ކުރަމުންނެވެ.