މަސްތުވާތަކެތި

100 ކިލޯގެ ޑްރަގް މައްސަލައިގައި ހިމެނޭ މީހާގެ ބަންދަށް އަނެއްކާވެސް 10 ދުވަސް

ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގައި 100 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރުމަށްފަހު ދޫކޮށްލާފައި ހުއްޓާ މަސްތުވާތަކެތީގެ އިތުރު މައްސަލައެއްގައި ހައްޔަރުކުރި އިބްރާހީމް ޒާއިދު ހަބީބުގެ ބަންދު މުއްދަތު އަނެއްކާވެސް އިތުރުކޮށްފި އެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމަންޓް، ޑްރަގް އިންޓެލިޖެންސް، މެރިން ޕޮލިސް އަދި ފޮރެންސިކް ފުލުހުން ގުޅިގެން ހިންގި ބޮޑު އޮޕަރޭޝަނެއްގައި 100 ކިލޯގެ މަސްތުވާތަކެތި ހޯދާފައިވަނީ އދ. ބޮޑުކާށިހުރާ ނަމަކަށް ކިޔާ ރަށެއްގައި ފޮރުވާފައި ހުއްޓަ އެވެ.

އެ މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން މަސްތުވާތަކެތީގެ އިތުރު މައްސަލައެއްގައި ހައްޔަރު ކުރި ގއ. ކޮލަމާފުށި، ސޯސަންގެ، އިބްރާހީމް ޒާއިދު ހަބީބުގެ ބަންދަށް މިއަދުވަނީ އަނެއްކާވެސް 10 ދުވަސް ދީފައެވެ. އެއީ، އެންމެ ފުރަތަމަ އޭނާގެ ބަންދަށް ދިން ފަސް ދުވަސް، އަދި ދެން ދިން 10 ދުވަސްވެސް ހަމަ ވެގެން މިއަދު އަނެއްކާވެސް ކޯޓަށް ހާޒިރު ކުރުމުންނެވެ.

އިބްރާހީމް ޒާއިދު ހަބީބުއާއެކު މި ފަހަރު ޖުމްލަ ހަތަރު މީހުން ހައްޔަރު ކުރި ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. މީގެތެރޭގައި އުމުރުން 18 އަހަރުގެ އަންހެން ކުއްޖަކުވެސް ހިމެނެ އެވެ. އެ ކުއްޖާ ކޯޓުން ވަނީ ޝަރުތުތަކަކާއެކު ދޫކޮށްލާފައި ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

މާލޭގެ ބައެއް ގޭގޭގެ އިތުރުން ސަފާރީއަކާއި ލޯންޗެއް ބަލައި ފާސްކުރި އެ ބޮޑު އޮޕަރޭޝަނުގައި އަތުލައިގަތް 100 ކިލޯއާ ގާތްކުރާ އަދަދެއްގެ މަސްތުވާތަކެތީގެ ތެރޭގައި ހެރޮއިން ހިމެނެ އެވެ. އަދި އެތަކެއްޗާ ގުޅުން އޮތް ކަމުގެ ތުހުމަތުގައި އިބްރާހީމް ޒާއިދު ހަބީބު ހިމެނޭހެން 10 މީހަކު އޭރު ހައްޔަރުކުރި އެވެ. އެއީ 2021 ވަނަ އަހަރު އެވެ. މި މައްސަލައިގައި ހިމެނޭ އެހެން މީހަކުވެސް މީގެ ކުޑަ ދުވަސްކޮޅެއް ކުރިން މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވެ އެވެ.

100ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ކުރިން ޒާއިދު ހައްޔަރުކޮށް، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 105 ވަނަ މާއްދާގެ ދަށުން، ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް އުފުލި އެވެ. އޭރު އިބްރާހީމް ޒާއިދު ހަބީބު ބަންދު ކުރި ނަމަވެސް އޭނާ ފަހުން ދޫކޮށްލީ ބަންދުގައި ބަހައްޓަންޖެހޭ ވަރުގެ އެއްވެސް ހެއްކެއް ނެތުމުން ކަމަށް ބުނެ އެވެ.