އަންހެނުން

ނުވަ ފަރާތަކަށް ރެހެންދި އެވޯޑް ދީފި

  • މިއީ މި އެވޯޑް ދިން ތިންވަނަ އަހަރު
  • މަގުސަދަކީ އަންހެނުންގެ އަގު ވަޒަންކުރުން
  • އެވޯޑް ހާސިކުރީ ތަފާތު ދާއިރާތަކުގެ ނުވަ އަންހެނުން

ރާއްޖެ މުޖުތަމައަށް ފައިދާ ހުރި މަސައްކަތް ކުރާ އަންހެނުންގެ އަގު ވަޒަންކުރަން ސަރުކާރުން ދޭ ރެހެންދި އެވޯޑު ނުވަ ފަރާތަކުން ހާސިލުކޮށްފި އެވެ.

މި އެވޯޑަކީ ރާއްޖޭގެ ގައުމީ ތަރައްގީއާއި ލާބަޔާއި މަންފާ ލިބިދޭފަދަ އަގުހުރި މަސައްކަތްތަށް ކޮށްދީފައިވާ ‏‏އަންހެނުންގެ އަގު ވަޒަން ކުރުމަށާއި އަދި މުޖުތަމާއަށް ފައިދާހުރި މަސައްކަތް ކުރާ އަންހެނުންނަށް ޝަރަފާއި އިއްޒަތް ދިނުމާއި، އެފަރާތްތަށް ނަމޫނާ އެއްގޮތަށް ނަގައި އެހެން އަންހެނުން ކުރިއަރައިދިއުމަށް ހިތްވަރު ލިބޭ އަންހެނުންގެ މަސައްކަތް ފާހަގަ ކުރަން ދޭ އެވޯޑެކެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ރެހެންދި އެވޯޑް ހާސިލުކުރި ފަރާތްތަކަށް އެވޯޑް ހަވާލުކޮށްދެއްވީ، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ސިހާމެވެ.

އެވޯޑް ލިބުނު ފަރާތްތައް

  • ޅ. ނައިފަރު، މާތިލަ، ސާޖަންޓް ފަސްޓް ކްލާސް ޝަހުމާ ޔޫސުފް
  • ހ. ފަހިފާ، އާބިދާ ރަޝީދު
  • ލ. ފޮނަދޫ، މުރިނގު، ފާތިމަތު ޒައީމާ
  • ގ. ވެނެޒިޔާ، އައިމިނަތު ލީލާ
  • މ. ރޭޝަމް، ޑރ. އައިޝަތު މުނީޒާ
  • ވ. މެރެލިމާ، ފާތިމަތު ޝަފީގާ
  • މ. އާސްތާނާ، އައިމިނަތު އާތިފާ
  • މ. މުލައް، ހުސްނޫވިލާ، ފާއިޒާ ހުސެއިން
  • ގ. ސިނާމޯ، އައިމިނަތު ނަޒްލީ އިބްރާހިމް

މި އެވޯޑު ތާރަފްކޮށް އެންމެ ފުރަތަމަ ފަހަރު ބޭއްވީ 2014 ވަނަ އަހަރު އެވެ. އެ އަހަރު އެވޯޑު ހާސިލް ކުރީ މައްޝޫރު ކެއްކުންތެރިޔާ ޖުވޭރިޔާ ވަޖުދީ (ޖުވޭ) އާއި އާމިނަތު ނަޝީދާއެވެ. އަދި މިދިޔަ އަހަރު އަންހެނުނަށް ހާއްސަ ރެހެންދީ އެވޯޑު ކާމިޔާބު ކުރީ ވާހަކަލިޔުންތެރިޔާ ފާތިމަތު ނަހުލާ އާއި ދަނޑުވެރިކަމުގެ މަސައްކަތް ކުރާ އއ. ތޮއްޑޫ ދޫރެސް، ގަމީރާ އާދަމް އެވެ.