ހައިކޯޓް

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ތައްޔާރުނުވެ ކޯޓަށް ވަޑައިގެންނެވި މައްސަލަ ހޫނުވެއްޖެ

ސުޕްރީމް ކޯޓާއި ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަދި މިހާރު ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާދަމް މުހައްމަދު އަބްދުﷲ ޝަރީއަތަށް ތައްޔާރު ނުވެ ވަޑައިގެންނެވި ކަމަށް ވިދާޅުވެ، ހައިކޯޓުގެ ފަނޑިޔާރުން ނުރުހުންވެއްޖެ އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސްކަންވެސް ކުރިން ކުރައްވާފައިވާ އަދި ގިނަ ދުވަސްތަކެއް ވަންދެން ފަނޑިޔާރުކަން ކުރެއްވި އާދަމް މުހައްމަދު ފަނޑިޔާރުކަމުން ވަކިކުރީ މިދިޔަ ސަރުކާރުގެ ދުވަސްވަރު އެވެ.

ސަރުކާރު ބަދަލުވެ، އާދަމް މުހައްމަދަކީ މިހާރު ސްޓޭޓް މިނިސްޓަރެކެވެ. ސްޓޭޓް މިނިސްޓަރެއްގެ ގޮތުގައި ހުންނަވައިގެން އާދަމް މުހައްމަދު ހައިކޯޓަށް ވަޑައިގެންނެވީ ލ. ފޮނަދޫ ކައުންސިލްގެ ފަރާތުންނެވެ. އެއީ އެ ކައުންސިލާއި އަމިއްލަ މީހަކާ ދެމެދު ވެފައިވާ އެއްބަސްވުމަކާ ގުޅޭ މައްސަލަ އެކެވެ.

މި މައްސަލައިގައި އާދަމް މުހައްމަދު ވަނީ މައްސަލަ އިސްތިއުނާފުކުރި ސަބަބުތައް ވަރަށް ތަފްސީލް ކަމާ އެކު ވިދާޅުވުމަށް މަސައްކަތް ކުރައްވާފަ އެވެ. އެކަމަކު ވިދާޅުވަމުން ގެންދެވީ އިސްތިއުނާފް ފޯމްގައިވާ ލިޔުންތަކަށް ބައްލަވައިގެން އޮތް ގޮތަށެވެ. އެހެންވެ، ޝަރީއަތުގެ ވަގުތު ހަމަވީއިރުވެސް އިސްތިއުނާފް ނުކުތާތައް ހުށަހެޅުން ނިންމާނުލެވުނެވެ.

އެގޮތަށް ޝަރީއަތް ކުރިއަށް ނުގެންދެވޭނެ ކަމަށް ފާހަގަކުރެއްވީ ފަނޑިޔާރުންގެ ބެންޗުގައި އިންނެވި މުހައްމަދު ނިޔާޒު އެވެ. ފަނޑިޔާރު ނިޔާޒު ވިދާޅުވީ އަކުރުން އަކުރަށް ދައުވާ ފޯމް ކިޔުމުގެ ބަދަލުގައި ހުލާސާކޮށް ކަން ހިނގައިދިޔަ ގޮތް ބަޔާންކޮށް ގާނޫނީ ސަބަބުތައް ބަޔާންކުރުމުން ފުދޭނެ ކަމަށެވެ.

ފަނޑިޔާރު ނިޔާޒު ވިދާޅުވީ ތައްޔާރުވެގެން އަންނަ ނަމަ، ރީތިކޮށް މައްސަލަ ކިޔައިދެވޭނެ ކަމަށެވެ. ޝަރީއަތުގައި ވާހަކަ ނުދެއްކެނީ ތައްޔާރު ނުވެ ވަކީލުން އަންނާތީ ކަމަށްވެސް ވިދާޅުވި އެވެ. ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މުހައްމަދު ފައިސަލް ވެސް ވިދާޅުވީ ގާނޫނީ ގޮތުން މުހިއްމު ކަންކަން ފާހަގަކުރުމުން ފުދޭނެ ކަމަށެވެ.

ނަމަވެސް އާދަމް މުހައްމަދު ވިދާޅުވީ ޝަރީއަތްތައް ކުރިއަށް ގެންދަން ޖެހޭނީ އެކަށީގެންވާ ވަގުތު ދީގެން ކަމަށެވެ. އަދި ޝަރީއަތް ހުޅުވާލައިގެން ކުރިއަށް ގެންދާއިރު އެންމެން ވެސް ޝަރީއަތް އަޑުއަހާނެ ކަމަށާއި އެއްވެސް ޕޮއިންޓެއް ދޫކޮށްލުމަކީ އެންމެ ރަނގަޅު ގޮތަކަށް ނުވާނެ ކަމަށްވެސް ވިދާޅުވި އެވެ.

އާދަމް މުހައްމަދު އިތުރަށް ވިދާޅުވީ ވަރަށް ގިނަ ޝަރީއަތްތަކުގައި އަކުރުން އަކުރަށް ކިޔަން ފުރުސަތު ދޭ ކަމަށާއި ވަރަށް ދިގުކޮށް ވެސް ޝަރީއަތްތައް ކުރިއަށް ގެންދާ ކަމަށެވެ.