މީހުން

ކެމެރާ އަތުން ދޫނުވި ވޮލީ ކޯޗް!

  • ފޮޓޯ ނެގުމުގެ އެންމެ އުހުގައި
  • ގިނަ ވަޒީފާތަކާއެކު ހިދުމަތް ކުރި
  • ވޮލީއަށް ކުރިއަރުވަން ގިނަ ހިދުމަތްތަކެއް ކުރި

ފޮޓޯ ނަގާ މީހުން ބައިވަރެވެ؛ އެކަމު މީނާ ހަމަ ތަފާތީ އެވެ. މީނާގެ އަތަށް ހަމައެކަނި ހެޔޮވަރީ ކެމެރާ އެކަންޏެއް ވެސް ނޫނެވެ. ވޮލީ ބޯޅަ ވެސް މި އަތަށް ހަމަ ހެޔޮވަރެވެ. ވޮލީ ކޯޓުތަކުގައި އަދި ވެސް އެންމެ އުހަށް ޖަހާނީ މީނާގެ ބޯޅަ އެވެ. ރާއްޖޭގެ ވޮލީގައި މި ނަން މަގުބޫލެވެ. އެހެން ދާއިރާއަކަށް ދާނަމަ ކައިވެނީގެ އިންތިޒާމުތައް ރާވައި އެހީ ތެރިވެދިނުމުގައިވެސް އޭނާ "ދައުވަތު ކާޑު" ބަހަނީ އެވެ. އަދި ޓޫރިޒަމް ދާއިރާގައި ވެސް މަސައްކަތް ކުރި އެވެ. ވައިގެ ދަތުރުފަތުގެ ދާއިރާގައި ވެސް "އުދުހުނެވެ" މިއީ ކުރީގެ މަޝްހޫރު ވޮލީ ކޯޗް އަދި ފޮޓޯގްރާފަރު، މުހައްމަދު ޝާފީ އެވެ.

"މާލެ އައިސް ކިޔަވައިގެން އެންމެ ފުރަތަމަ އުޅުނީ އިމާދު އެޖެންސީގައި. ޔުނިވާސަލް ޓްރެވަލް ޑިޕާޓްމަންޓުގެ މެނޭޖަރަށްވެސް އުޅުނިން،" އުމުރުން އެންމެ 20 އަހަރުގައި ވަޒީފާއަށް ނުކުތް ޝާފީ ކިޔައިދި އެވެ.

ޝާފީގެ މަސައްކަތުގެ ދާއިރާގައި ފިރުކެން ފެށުމާއެކު ފައިތިލަ ބެހެއްޓީ ސަރުކާރުގަ އެވެ. ޔުނިވާސަލްގެ އެއާޕޯޓް މެނޭޖަރަށް އުޅުނުއިރު ހޯދި ތަޖުރިބާއާއެކު ޝާފީ އެއާ މޯލްޑިވްސް އަށް ވަނީ އެވެ. ބޭނުމަކީ ސަރުކާރު ވަޒީފާއެއްގައި އުޅުމެވެ.

"އެއާ މޯލްޑިވްސް، މެލޭޝިއަންއާ ގުޅިގެން ދިޔައިރު އައިޓީ ހެޑަކަށް މަސައްކަތް ކުރިން. އޭރު ވަރަށް ބޮޑު ލީޑަޝިޕެއް ނަގައިގެން އެއާޕޯޓުގައި މިހާރު ފެންނަ ޑިޕާޗަ ކޮންޓްރޯލް ސިސްޓަމް [ޑީސީއެސް] ގާއިމްކުރީ ޝާފީގެ ބެލުމުގެ ދަށުން. މީގެ އިތުރުން އަތޮޅުތެރޭގައި ބުކިން ހަދަން ވަރަށް ދަތިވާނެ. އޭރު އިންޓަނެޓުން ޑައިލްއެއް ގާއިމްކޮށް ކުރަން އުޅުނިން. މީގެ އިތުރުން މެލޭޝިއަން އެއާލައިންސާ ގުޅިގެން އިންޓަނޭޝަނަލް ވެގެން ދިޔައިރު ވެސް ގިނަ މަސައްކަތްތަކެއް ކުރެވުނު،" ޝާފީ ކިޔައިދިނެވެ.

މި މަސައްކަތްތަކުގައި އުޅުނުއިރު އޭނާގެ ހިތް މަޑުމަޑުން ވޮލީއަށް ލެނބެމުން ދިޔަ އެވެ. ސަބަބަކީ ސްކޫލްގައި އުޅުނުއިރުވެސް ވޮލީއަށް ޝައުގުވެރިކަން ހުރުމެވެ. އަދި މި ޝައުގުވެރިކަމަށް ފެންލިބި އިތުރު ކުރިތައް ފަޅައި، ފެނިކަން ގަދަވެގެން ދިޔައީ ކުރީގެ މަޝްހޫރު ވޮލީ ކުޅުންތެރިން ކަމަށްވާ ފަތުރުހުﷲ އާއި ސަޑިއްކެ، ޖައްލަމެންނާއެކު އުޅުން ހިމެނެ އެވެ.

"އޭރު ކިޔެވުމުގެ ބަދަލުގައި ކުރަން ޖެހުނީ މަސައްކަތް. ރަށްރަށުން އައިސްފައި ތިބޭ ކުދިންނަށްވާތީ ވަރަށް މަސައްކަތް ކޮށްގެން ފައިސާ ހޯދަން ޖެހޭނީ. ވަރަށް މަސައްކަތް ކުރަން ޖެހުނު ސަވައިވް ވާން. އެހެންވެ މަސައްކަތުގެ ދާއިރާއިން ކުރިއަށް ދިޔައީ،" ވޮލީގެ ތެރެއަށް ވަދެވުނު ގޮތް ބުނެދެމުން ޝާފީ ހަނދާތައް އާކުރި އެވެ.

މި ދުވަސްވަރު އޭނާއަށް އިތުރު ދާއިރާއެއް ފެނުނެވެ. އެއީ ފޮޓޯ ނެގުމުގެ ދާއިރާ އެވެ. ޝާފީގެ އަތަށް ކެމެރާ ހެޔޮވަރުކޮށްލުމަށް ފުރުސަތު ލިބުނީ އެފްޑީއައި އިން ހުޅުވުނު ރަނުގެ ފުރުސަތަކުންނެވެ. އެފްޑީއައިގައި މަސައްކަރް ކުރުމަށް ޝާފީ އަށް ފުރުސަތު ލިބުނީ އެވެ.

"އެފްޑީއައި އިން ބުނީ އަންނާށޭ؟... އެހެންވެ ދިޔައީ. ދިޔަތަނާ މެލޭޝިއަން އެއާލައިންސްއިން ގުޅުން ކަނޑާލުމުން ސަރުކާރުގެ އެކު ދިމަދިމާލަށް މީހުން ބަހަން ފެށީ، ޝާފީއަށް ލިބުނީ އެއާޕޯޓްސް އޮތޯރިޓީގައި މަސައްކަތް ކުރަން. އެތަނަށް އިންޓަވިއުއަށްވެސް ގޮސްފަ ބުނީ ބޭނުންވަނީ ތަންކޮޅެއް ކްރިއޭޓިވް ދާއިރާގައޭ އުޅެން ބޭނުންވަނީ. އެހެންވެ އެފްޑީއައިގެ ފަރާތުން ދިޔައީ ސިންގަޕޫރަށް ފޮޓޯގްރަފީ ދާއިރާއިން ޓްރެއިނިން ހަދަން. އޭރު 2002 ހިސާބު ފޮޓޯގްރަފީއަށް ބޮޑު އިންގިލާބެއް ގެނައީ އެފްޑީއައިއިން. އޭރު އެ [އެފްޑީއައި] ގެ ޕީއާރުގައި ހުރީ ޝާފީ،" އެފްޑީގައި މަސައްކަތްކުރި ދުވަސްތަކުން ހަނދާތައް ޝާފީއާއެކުރި އެވެ.

އެ ތަނުގައި އުޅުނުއި ވެސް ވޮލީ ކުޅުނެވެ. އަދި ވޮލީ ކުޅެމުން ވޮލީގެ ކޯޗިން ކޯސްތައް ފުރިހަމަ ކުރި އެވެ. މިއީ ޝާފީ ވޮލީގެ ހިންގުމުގެ ތެރެއަށް ވަންނަން މެދުވެރިވި ސަބަބެވެ. މި ދުވަސްވަރަކީ ރާއްޖޭގެ ވޮލީގެ ރަންޒަމާނެވެ. މަޝްހޫރު ވޮލީ ތަރިން ކަމަށްވާ ކުޑަ ނިޒާރާއި، ބޮޑު ނިޒާރުމެން ވޮލީ ނެޓު މަތީގައި އުދުހުނީ މި ޒަމާނުގަ އެވެ. އެހެންވެ ޝާފީގެ ޝައުގުވެރިކަން އެނބުރުނީ ރާއްޖޭގެ ވޮލީ ވަރުގަދަ ކުރާށެވެ. ވޮލީ ތަރައްގީ ކުރާށެވެ.

"ވޮލީ ބޯޅައިން މައްޗަށް ދާނަމޭ ހިތައް އެރީ. އޭރުވެސް ވޮލީ އޮތީ ހިފެހެއްޓިފައި. ވަކި ހިސާބެއްގައި ކުޅެނީ. އޭރު އޮތީ ހަމައެކަނި އެއް ޓީމު. އޭރު އޮންނަނީ ސިމެންތި ކޯޓެއް. އޭރު ކުޅުނު ތަރި އަނީސް އާއި ކުރީގެ ޕޮލިސް ކޮމިޝަނަރު ފަސީހުމެން ފަދަ ބޭފުޅުން. ނަމަވެސް ވޮލީއަށް ބަދަލު އަންނަން ޖެހޭ ވާހަކަ ދައްކާ. އެހެންވެ ވޮލީ ބޯލް އެސޯސިއޭޝަނަށް ވަނީ،" ދެހާސް ތިންވަނަ އަހަރު ވޮލީ ބޯލް އެސޯސިއޭޝަނާ ގުޅުނު ޝާފީ ބުންޏެވެ.

ޝާފީގެ ހިތްވަރު ގަދަ މި ފިޔަވަޅު އޭނާ ނެގީ، ދުރަށް ވިސްނާފަ އެވެ. އޭނަގެ މަގުސަދަކީ ވޮލީ ތަރައްގީ ކުރުމަށް އޭނާގެ ސިކުނޑީގެ ބޭނުން ހިފުމެވެ. ވޮލީއަށް ހިދުމަތް ކުރުމުގައި އެންމެ ކުންނަށް އެރުމެވެ.

"ވަރަށް ގިނަ ބަޔަކު މަަސައްކަތްކޮށްގެން އެސޯސިއޭޝަނާ ގުޅުނީ. އޭރު ޝާފީ ހުރީ ޑިވްލޮޕްމަންޓް އޮފިޝަލަކަށް. އޭރު ސަރުކާރުން އަންގައިފި ހަތަރު އަހަރު ދުވަހުގެ ޕްލޭނެއް ދޭން. އެހެންވެ ޕްލޭނެއް ހަދައިދިނީ،" ރަށްރަށުގައި ވޮލީގެ ފޯރި ފަދަ ކުރުމަށް ގިނަ މަސައްކަތް ތަކެއް ކުރި ޝާފީ ބުންޏެވެ.

ވޮލީ ތަރައްގީ ކުރުމަށް ޝާފީ މަސައްކަތް ކުރިއިރު، އެކިއެކީގައި އޭނާ ދިޔައީ ފޮޓޯ ނެގުން ވެސް ފުޅާކުރަމުންނެވެ. މިގޮތުން ޝާފީ ކެމެރާ ރިސޯޓުތަކާ ދިމާލަށް އަނބުރައިލި އެވެ. މާމުއި ހަނދު ހޭދަކުރުމަށް ރާއްޖެ އަންނަ ޓޫރިސްޓުންގެ ފޮޓޯނަގަން ފެށި އެވެ. މިއީ ޝާފީގެ "ޑިޖިޓަލް ސްޓޫޑިއޯ" ގެ ފެށުމުގެ ހުޅުކޮޅު ދިއްލިގެން ދިޔަ ދުވަސް ވަރެވެ. ފޮޓޯ ނެގުމުގެ މަސައްކަތް ޝާފީ ފެށިއިރު އެންމެ ފުރަތަމަ އޮތީ އެންމެ ލެޕްޓޮޕަކާއި ކެމެރާ އެކެވެ.

މި މަސައްކަތުގައި ޑިޖިޓަލް ސްޓޫޑިއޯ އުފެދިގެން ދިޔައިރު، މި މަސައްކަތުގައި މަތީ ކާމިޔާބީ ތަކެއް ލިބިފައިވެ އެވެ. ނަމަވެސް އޭނާގެ މި ކާމިޔާބީ ހިއްސާކުރަނީ ކެމެރާ ގެންގުޅޭ ހުރިހާ މީހުންނާ އެކުގަ އެވެ. ޝާފީ އެންމެ ފާހަގަ ކުރާ އެއް ކަމަކީ ބިދޭސީ ފޮޓޯގްރަފަރުންނަށް ރާއްޖޭގައި މަސައްކަތް ކުރުން މަނާކުރުމަށް ފޮޓޯގްރަފަރުންނާ ގުޅިގެން ޝާފީގެ ނިޔަމިކަމުގައި ކުރި މަސައްކަތެވެ. މި މަސައްކަތުން ބޭރުގެ ފޮޓޯގްރަފަރުން ބޭރުކުން މިއީ އެންމެ ބޮޑު ކާމިޔާބީއެވެ.

"ޝާފީގެ ވަރަށް ބޮޑު ކާމިޔާބީއެއް. މިއީ ރާއްޖޭގެ ފޮޓޯގްރަފަރުންނަށް ހޯދައި ދެވުނު ކާމިޔާބީއެއް. މިކަމުގައި ގިނަ ފޮޓޯގްރަފަރުންގެ އެހީ ލިބޭ،" ޝާފީ ބުންޏެވެ.

ޝާފީގެ މިހާރުގެ މަސައްކަތަކީ ރިސޯޓުތަކަށް ގޮސް ހަނީމޫން ފޮޓޯ ނެގުމެވެ. މިގޮތުން ދުނިޔެއަށް މަޝްހޫރު އެތައް ބައެއްގެ ފޮޓޯ ނަގާފައިވެ އެވެ.

ޝާފީ މި ދާއިރާގައި ނެގި އެންމެ މުހިންމު ފޮޓޯއަކީ ކޮބައިތޯ އެހުމުން އޭނާގެ ޖަވާބު މިހާރާ ވަރަށް ގުޅެ އެވެ. އެއީ ރާއްޖެ ވަށައި ބުރު ޖަހާފައިވާ "ގައްބެ" ގެ ފޮޓޯ އެކެވެ. އެއީ މީގެ ނުވަ އަހަރު ކުރި އެވެ.

"ފޯސީޒަން ކުޑަ ހުރާގެ ޖެޓީގައި މަޑުކޮށްގެން ހުއްޓައި ގައްބެ ވިންޑް ސާފް ކުރަމުން އަންނަނީ. އެފޮޓޯ ވަރަށް ފާހަގަ ކުރެވޭ. އޭގެ ފަހުން މިއަދު ގައްބެ ކުރި މަސައްކަތުގެ ސަބަބުން އޭނަ އެ މަސައްކަތައް ހުރި ޝައުގުވެރިކަން ގަބޫލުކުރެވޭ،" އެންމެ ފާހަގަކުރެވޭ ފޮޓޯއާ ބެހޭ ގޮތުން ޝާފީ ބުންޏެވެ.

ޝާފީއަކީ ހަމައެކަނި ފޮޓޯ ނަގާ މީހެއް ނޫނެވެ. އޭނާގެ މަސައްކަތުން ކައިވެނީގެ ރަސްމިއްޔާތުތައް އިންތިޒާމުކުރާ ފަރާތްތަކަށް ހާއްސަ ފެއާއެއް ބާއްވަ އެވެ. އަދި މެގަޒިންއެއް ވެސް ނެރެ އެވެ. މި މަސައްކަތް އޭނާ ކުރަނީ ވަރަށް ކުރާ ހިތުންނެވެ. ޝައުގުވެރިކަމާ އެކުގަ އެވެ.

"ބްރައިޑް މޯލްޑިވްސް އުފެދުނީ ވެޑިންގެ ރަސްމިއްޔާތު އިންތިޒާމު ކުރާ ފަރާތްތަކަށް ހާއްސަކުރަން. އެހެންވެ ޝާފީ އާއި ނަޒީ އާއި ނިހާދު ގުޅިގެން ފެށީ. އެހެންވެ ބްރައިޑް މެގަޒިންއަކާއި ފެއާއެއް ބާއްވަނީ،" ޝާފީ ބުންޏެވެ.

މިހުރިހާ މަސައްކަތްތަކެއް ކުރިނަމަވެސް ޝާފީހުރީ ވޮލީބޯޅަ ދޫކޮށްލާކަށެއްނޫނެވެ. އޭނާ އަދި ވެސް ހުރީ ވޮލީއަށް ހިދުމަތް ކުރާށެވެ، ނަމަވެސް މިއާއެކު ކެމެރާ އަތުން ދޫކުރާކަށް ބޭނުމެއް ނޫނެވެ.