ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން މަޖިލީހުގެ ދާއިމީ ކޮމިޓީއެއްގެ ގޮތުގައި "ގެދޮރުވެރިކަމުގެ ކޮމިޓީ" ގެ ނަމުގައި އާ ކޮމިޓީއެއް އުފައްދައިފި އެވެ.
މި ކޮމިޓީ އުފައްދާފައިވަނީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުންނެވެ.
ގަވާއިދުގައިވާ ގޮތުން އެ ކޮމިޓީގެ މަސްއޫލިއްޔަތަކީ ގެދޮރުވެރިކަމާގުޅޭ ކަންކަން ދިރާސާކުރުމާއި ބޯހިޔާވަހިކަމާގުޅޭ ގައުމީ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލެއް އޮތްނަމަ އެކަން ފާހަގަކޮށް އެކަމެއް މަޖިލީހަށް ހުށަހެޅުމާއި ގެދޮރުވެރިކަމާ ގުޅޭ ގޮތުން ކަމާގުޅޭ އިދާރާތަކާ ގުޅުންހުރި ކަންކަން ކުރުމެވެ.
ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ސަރުކާރުން ހިންގާ އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށްދާ ގޮތް ބަލައި އެ މަޝްރޫއުތަކާ ގުޅިގެން ފާހަގަކުރެވޭ މައްސަލަތައް ދިރާސާކޮށް އެކަންކަން ހައްލުކުރުމަށް ސަރުކާރަށް ލަފާދިނުމާއި އެ މަޝްރޫއުތައް އަވަހަށް ނިންމުމަށް ސަރުކާރަށް ބާރު އެޅުން ހިމެނެ އެވެ.
މީގެ އިތުރުން ހިޔާވަހިކަމުގެ ހައްގު ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ލިބިދެވޭތޯ ބެލުމާއި ގެދޮރުވެރިކަމާ ގުޅޭ ގޮތުން ރައްޔިތުންނަށް ކުރިމަތިވާ މައްސަލަތައް ދިރާސާކުރުމާއި ގެދޮރުވެރިކަމާ ގުޅޭ މައްސަލަތައް ހައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން ސަރުކާރަށް ލަފާ ދިނުމަކީވެސް މި ކޮމިޓީގެ މަސްއޫލިއްޔަތެކެވެ.
މި ކޮމިޓީއަށް މެންބަރުން އައްޔަންކުރުން މަޖިލީހުގެ މިއަދުގެ ޖަލްސާގެ ވޯޓު ގަޑީގައި ކުރިއަށްދާނެ ކަމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި އެވެ.