މޯލްޑިވްސް ޕޮލިސް ސާވިސް

ފެންވަރަން ހުއްޓާ ފާހަނަ ދޮރު ވައްޓައެއް ނުލަން: ފުލުހުން

އަންހެނަކު ފެންވަަރަން ހުއްޓާ ފާހަނައިގެ ދޮރު ވައްޓާލައި، ފުލުހުންގެ ބޮޑީކޭމް އިން އެ މަންޒަރު ރިކޯޑު ކުރި ކަމަށް ފަތުރަމުންދާ ވާހަކަތައް ފުލުހުން ދޮގުކޮށްފި އެވެ.

ފުލުހުންނާ ގުޅުވައިގެން މިފަދަ ތުހުމަތެއް ކޮށްފައި މިވަނީ އައްޑޫ ސިޓީ ހިތަދޫގެ އެޕާޓްމަންޓެއްގައި މަސްތުވާތަކެތި ގެންގުޅޭ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެތަން ބަލަން ފުލުހުން ވަނުމުންނެވެ.

ސޯޝަލް މީޑިއަގައި ބައެއް މީހުން ބުނާ ގޮތުގައި އަންހެނަކު ފެންވަރަނިކޮށް، ފުލުހުން ފާހަނައިގެ ދޮރު ވައްޓާލުމަށްފަހު އަންހެން މީހާ ބަރަހަނާ ހާލުގައި ހުއްޓާ ބޮޑީކޭމް އިން އެ މަންޒަރު ރިކޯޑުކޮށްފައިވެ އެވެ.

ނަމަވެސް ފުލުހުންގެ މީޑިއާ އޮފިޝަލް އެކަން ދޮގުކޮށް ވިދާޅުވީ ކޮޓަރީގެ ދޮރު ހުޅުވުމަށް ފުލުހުން އެދި، ނުހުޅުވުމުގެ ސަބަބުން ބާރުގެ ބޭނުންކޮށްގެން ދޮރު ހުޅުވިއިރު ފެންވަރައިގެން ނުކުމެ ހުރި އަންހެނަކު ހުރުމުން ފުލުހުން ވަނީ ދޮރު ލެއްޕުމަށްފަހު ކޮޓަރިން ނުކުތުމަށް އޭނާއަށް ފުރުސަތު ދީފައި ކަމަށެވެ.

ފުލުހުން ބުނީ އެޕާޓްމަންޓް ބަލައި ފާސްކުރުމަށް އެތަނަށް ފުލުހުން ވަނުމަށް ދޮރު ހުޅުވުމަށް ތަކުރާރުކޮށް އެދުނު ނަމަވެސް ދޮރު ނުހުޅުވުމުން ފުލުހުން އެޕާޓްމަންޓަށް ވަދެފައިވަނީ ވެސް ބާރުގެ ބޭނުންކޮށްގެން ކަމަށެވެ. އަދި އެޕާޓްމަންޓުގެ ދެ ކޮޓަރިއެއްގެ ދޮރު ހުޅުވުމަށް އެދުމުން ވެސް ދޮރު ހުޅުވާފައި ނުވާ ކަމަށާއި އެ ދޮރުތަކުގެ ތަޅު ހަލާކޮށްލާ، ބާރުގެ ބޭނުންކޮށްގެން ވަދެފައިވާ ކަމަށެވެ.

ފުލުހުން ވަނީ އެޕާޓްމަންޓުގެ އެއްވެސް ފާހަނައެއްގެ ދޮރު ވައްޓާލާ، ވަދެފައިނުވާ ކަމަށް ފާހަގަކޮށްފައެވެ. އަދި ބޮޑީ ވޯން ކެމެރާ ބޭނުންކޮށްފައިނުވާ ކަމަށް ވެސް ވަނީ ފާހަގަކޮށްފަ އެވެ.

މި އޮޕަރޭޝަން ހިންގުމުގައި ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ބާރުގެ ބޭނުންކުރި ގޮތުގެ ރިވިއުއެއް ކުރާނެ ކަަމަށް ފުލުހުނުް ބުނެފައިވެ އެވެ.