މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލޭވިއޭޝަން

ހެލިކޮޕްޓަރުގެ ހިދުމަތަށް ޝައުގުވެރިވާ ފަރާތްތައް ހޯދަނީ

ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ޓްރާންސްޕޯޓް މިނިސްޓްރީން އެ ފުރުސަތު ހުޅުވާލައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ ކުއްލި ހާލަތާއި ފަތުރުވެރިކަމުގެ ސިނާއަތަށް އަމާޒުކޮށް ހެލިކޮޕްޓަރުގެ ދަތުރުތައް ކުރަން ބޭނުންވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހަޅުމަށް ހުޅުވާލާފަ އެވެ.

މި މަސައްކަތުގެ ތެރޭގައި ބަލިމީހުން އުފުލުމަށް ހެލިކޮޕްޓަރު އެއާ އެމްބިއުލާންސް ހިދުމަތް ދިނުމާއި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ދިނުން ހިމެނެ އެވެ.

މީގެ އިތުރުން ފަތުރުވެރިކަމުގެ ސިނާއަތަށް ހާއްސަކޮށް ފަތުރުވެރިން އުފުލުންވެސް ހިމެނެ އެވެ.

ހެލިކޮޕްޓަރުގެ ހިދުމަތް ދޭން ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 19 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން އީއޯއައި ހުށަހެޅުމަށް އެ މިނިސްޓްރީން ވަނީ އެދިފަ އެވެ.

ރާއްޖޭގައި ކުރިން ވިޔަފާރި އުސޫލުން ހެލިކޮޕްޓަރު ދަތުރުތަކުގެ ހިދުމަތް ދިން ނަމަވެސް ރާއްޖޭގައި މިހިދުމަތް ހުއްޓާލީ އޭރު ހިދުމަތް ދިނުމަށް ބޭނުންކުރި ހެލިކޮޕްޓަރުތަކުގެ ސަލާމަތީ ކަންކަމާ މެދު ސުވާލު އުފެދި ހިނގި ނުރައްކާތެރި ހާދިސާއެއްގައި ބަޔަކު މަރުވި ފަހުން 1999 ވަނަ އަހަރު އެވެ. އޭގެފަހުން ރާއްޖޭގައި ހެލިކޮޕްޓަރު ދަތުރުތަކުގެ ހިދުމަތް ވިޔަފާރި އުސޫލުން ދީފައެއް ނުވެ އެވެ. ނަމަވެސް އެމްއެެންޑީއެފް އިން ބަލި މީހުން އުފުލުމަށް އަދި މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަންތަކުގައި ކޮންމެވެސް ވަރަކަށް ހެލިކޮޕްޓަރު ބޭނުންކުރެ އެވެ.

ރާއްޖޭގައި އަލުން ހެލިކޮޕްޓަރުގެ ހިދުމަތް ފެށުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސިވިލް އޭވިއޭޝަން އޮތޯރިޓީން ވަނީ ޑިސެމްބަރު 2017ގައި އިނގިރޭސިވިލާތުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ އާއި ގުޅިގެން ދިރާސާއެއް ހަދާފަ އެވެ.