އުރީދޫއިން ރާއްޖޭގެ އުތުރުން ދެކުނަށް އަޅަން ނިންމާފައިވާ ފައިބަ އޮޕްޓިކް ސަބްމެރިން ކޭބަލް އެޅުމަށް، އޯފްޝޯ މެރިން ސާވޭ ފަށައިފި އެވެ.
ހުއާވޭ މެރިން 100ޖީ ޓެކްނޮލޮޖީ މެދުވެރިކޮށް 1200 ކިލޯމީޓާގެ ސަރަހައްދަކަށް ފެތުރިގެންދާ ގޮތަށް އަޅަން ނިންމާފައިވާ އެ ފައިބަ އޮޕްޓިކް ސަބްމެރިން ކޭބަލް އާ ބެހޭ ގޮތުން އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ، ކޭބަލް އެޅުމުން ރާއްޖޭގެ ހުރިހާ ރަށަކަށް އެއް ފެންވަރެއްގައި ހައިސްޕީޑް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށެވެ. އޭގެ ސަބަބުން އިންޓަނެޓް ހިދުމަތުގެ ދާއިރާއަށް އިތުރު ފުރިހަމަކަމެއް އަންނާނެ ކަމަށެވެ.
ވިކްރަމް ވިދާޅުވީ އުރީދޫއިން މަސައްކަތް ކުރަނީ ރަށްތަކާއި ރިސޯޓްތަކުން ބޭނުންވާ ފެންވަރުގެ މުވާސަލާތީ ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށެވެ. އެހެންކަމުން ވީހާވެސް އަވަހަށް ފައިބާ އޮޕްޓިކް އަޅައި ޑިޖިޓަލް ދުނިޔޭގެ ފައިދާތަކާއި ފުރުސަތުތައް ދިވެހިންނަށް ހޯދައިދޭނެ ކަމަށެވެ.
"އުރީދޫ އަށް ރާއްޖޭގެ އިންޓަނެޓް ސަރވިސް ޕްރޮވައިޑަރ އެއްގެ ލައިސަންސް ލިބުމާއި އެކު، އަޅުގަނޑުމެންގެ އެންމެ ބޮޑު އަހަމިއްޔަތުކަމެއް ދިނީ ދިވެހިރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށްވެސް އެންމެ އެދެވިގެންވާ ސްޕީޑްގައި އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދީ، ދިވެހިރާއްޖޭގެ ރަށްތަކާއި ރިސޯޓްތަކުން ބޭނުންވާ ފެންވަރުގެ މުވާސަލާތީ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި އެންމެ އެކަށޭނަ ނެޓްވާކެއް ގާއިމްކުރުމަށް. އުރީދޫއިން ހިއްވަރާއިއެކު މަސައްކަތް ކުރަމުންދަނީ ވީހާވެސް އަވަހަށް ނޭޝަންވައިޑް ސަބްމެރިން ކޭބަލް ވުޖޫދަށް ގެނެސް، މިއަދުގެ ޑިޖިޓަލް ދުނިޔޭގެ ފައިދާތަކާއި ފުރުސަތުތައް ދިވެހިރައްޔިތުންނަށް އެންމެ ފުރިހަމަކަމާއިއެކު ގެނެސްދިނުން." ވިކްރަމް ވިދާޅުވިއެވެ.
އޯފްޝޯ މެރިން ސަރވޭ ކުރަނީ އެމްވީ ޑިއުކް ނަމަކަށް ކިޔާ، އެކްސްޕްލޮރޭޝަން ސަރވޭ ވެސަލް އެއްގެ އެހީގައެވެ. އެ ވެސެލްގައި ގާއިމްކުރެވިފައިވާ ހާއްސަ ސަރވޭ ލެބޯޓަރީއެއް މެދުވެރިކޮށް، ބޯޓުގައި ތިބެގެން ޑޭޓާ ޕްރޮސެސްކޮށް، އިންޓަޕްރެޓްކޮށް، ހަލުވިކަމާއި އެކު ރިޕޯޓް ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ.
އުރީދޫން ބުނީ ސާވޭ ހަދަނީ، ރާއްޖޭގެ މާހައުލަށް އެކަށޭނެ ސަބްމެރިން ކޭބަލް އެއް ފަރުމާކުރުމަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ކަމަށެވެ. އެމްވީ ޑިއުކް މިހާރު ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުން ސާވޭއަށް ބޭނުންވާ މައުލޫމާތު އެއް ކުރުމަށް މިއަދު މާލެއިން ފުރާފައެވެ.