ދިވެހި ރެޑް ކްރެސެންޓް އިން އިންސާނިއްޔަތަށްޓަކައި ކުރާ މަސައްކަތުގައި ބައިވެރިވުމުގެ ގޮތުން އެޖަމާއަތުން ތައާރަފް ކޮށްފައިވާ "ޕާޓްނާސް ފޯ ހިއުމެނިޓީ އިނިޝިއޭޓިވް" ގެ ޕާޓްނާޝިޕް 2024-2025 ވަނަ އަހަރަށް ދިރާގުން އާ ކޮށްފި އެވެ.
މި ޕާޓްނާޝިޕްގެ ދަށުން ދިވެހި ރެޑް ކްރެސެންޓުން ދޭ ހިދުމަތްތަކުގައި އެހީތެރިވުމަށްވެސް ދިރާގުން ވަނީ ނިންމާފަ އެވެ.
ދިރާގުން ވަނީ މީގެ ކުރިން ދިވެހި ރެޑް ކްރެސެންޓްގެ ކޯޕަރެޓް މެމްބަރެއްގެ ގޮތުގައި 2018 ން 2022 ވަނަ އަހަރާއި ހަމައަށް ހަރަކާތްތެރިވެ، އެޖަމާއަތަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
ދިވެހި ރެޑް ކްރެސެންޓްގެ "ޕާޓްނާސް ފޯ ހިއުމެނިޓީ އިނިޝިއޭޓިވް" ގައި ޕާޓްނާއެއްގެ ގޮތުގައި ދިރާގުން ބައިވެރިވުމުގެ ސަބަބުން ކާރިސާތަކުގެ ވަގުތުގައްޔާއި އާއްމު ހާލަތްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ނާޒުކު ފަރާތްތަކަށް ދިވެހި ރެޑް ކްރެސެންޓްގެ ދަރުމަވެރިން ފޯރުކޮށްދޭ ހިދުމަތްތަކަށް އެއްބާރުލުމާއި އެހީތެރިކަން ދެމެހެއްޓެނިވި ގޮތުގައި ފޯރުކޮށްދެވޭނެ ކަމަށް ދިރާގުން ބުނެ އެވެ.
މި މަސައްކަތްތަކުގެ ތެރޭގައި ފުރަތަމަ އެހީ ދިނުމާއި، ނަފްސާނީ އިޖްތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ކާރިސާތަކުން އަރައިގަތުމަށް ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ހިމެނެ އެވެ. މީގެ އިތުރުން މި އެހީގެ ސަބަބުން މިފަދަ މަސައްކަތްތަކުގައި ހަރަކާތްތެރިވެ އުޅޭ ދަރުމަވެރިން ތަމްރީންކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުފައްދާފައިވާ ދިވެހި ރެޑް ކްރެސެންޓްގެ ޔުނިޓްތައް މި ރޮނގުތަކުން ތަރައްޤީ ކުރުމަށްވެސް މަގުފަހިވެގެންދެ އެވެ.
ދިރާގުގެ ޑިރެކްޓާ، ބްރޭންޑް އެންޑް މާކެޓިންގް ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ ދިވެހި ރެޑް ކްރެސެންޓްގެ "ޕާޓްނާސް ފޯ ހިއުމެނިޓީ" ގެ ޕާޓްނަޝިޕް އައުކޮށް ބައިވެރިވުމަކީ ލިބޭ އުފަލެއް ކަމަށެވެ.
"މި ފުރުސަތުގައި ދިވެހި ރެޑް ކްރެސެންޓްގެ ޓީމާއި ދަރުމަވެރިން އިންސާނިއްޔަތަށްޓަކާ ކުރާ އަގުހުރި މަސައްކަތް ފާހަގަކޮށް، މި މަސައްކަތުގައި ދިރާގުން އަބަދުވެސް އެއްބާރުލުންދޭނެކަން ޔަގީންކުރަން،" މިރްޝާން ވިދާޅުވި އެވެ.
ފާއިތުވި އަހަރުތަކުގައި ދިވެހި ރެޑް ކްރެސެންޓުން ފޯރުކޮށްދޭ ހިދުމަތްތައް ދިނުމުގައި އަދި މަސައްކަތް ކުރުމުގައި ދިރާގުން ފޯރުކޮށްދީފައިވާ އެހީތެރިކަން ދިވެހި ރެޑް ކްރެސެންޓުން ވަނީ ފާހަގަކޮށްފަ އެވެ.
މި އެހީތެރިކަމުގެ ސަބަބުން ކުއްލި ހާލަތްތަކުގައްޔާއި ކާރިސާގެ ވަގުތުތަކުގައި އެންމެ ނާޒުކު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް މަގުފަހިވުމުގެ އިތުރުން ދިރާގާއި ދިވެހި ރެޑް ކްރެސެންޓްއާ ދެމެދު ގާއިމްކުރެވިފައިވާ ގުޅުން ވަރުގަދަ ކުރުމުގެ ފުރުސަތު ލިބިގެންދެ އެވެ،