މޯލްޑިވިއަން އައިޑޮލްގެ ގާލާ ރައުންޑްގެ ތިންވަނަ ބުރުގައި ބައިވެރިން މިވަނީ ލަވަތައް ހުށަހަޅައިދީފަ އެވެ. ތީމަކަށް އޮތީ "މޫވީ ނައިޓް" އެވެ. ރާއްޖޭގެ ސިނާމާގެ ޖަޒުބާތުގައި މިރޭ ބައިވެރިން ވަނީ ވަރަށް ފުރިހަމައަށް ޖެހިފަ އެވެ. ފިލްމީ އޮއިވަރުގައި ހުރިހާ ބައިވެރިން ވެސް ހުށަހަޅައިދިނީ ވަރަށް ހިތްގައިމު ލަވަތަކެކެވެ.
ރާއްޖޭގެ މޮޅެތި ފިލްމްތަކުގެ ބައިވެރިންނަށް އެންމެ ކަމުދާ ލަވަތައް މިރޭ ހުށަހަޅައިދިން އިރު ހުރިހާ ބައިވެރިން ވެސް ހުށަހަޅައިދިނީ މަޑުމައިތިރި ލަވަތަކެކެވެ. މިރޭ ހުށަހަޅައިދިން ލަވަތަކާ މެދު ޖަޖުން ތިބީ ހިންހަމަ ޖެހިފަ އެވެ. ބައިވެރިން ކިބައިން ކުރިއެރުންތަކެއް ފެނިފައިވާކަން ޖަޖުން ވަނީ ފާހަގަކޮށްފަ އެވެ. ދެން އޮތީ ބެލުންތެރިންގެ އަތް މަތީގަ އެވެ.
މިރޭގެ އެޕިސޯޑަށް ބަލާލާއިރު އެންމެ ފުރަތަމަ ލަވަ ހުށަހަޅައިދިނީ، ޝަލަބީ އިބްރާހިމް އެވެ. ހުށަހަޅައިދިނީ "މީ ނާނާ" އެވެ. އިބްރާހިމް އަމާން ހުށަހަޅައިދިނީ ވަރަށް ފަހުން ސްކްރީންތަކުން ފެނުނު "އެންމެ ފަހުނ ވިންދާ ޖެހެންދެން" ފިލްމްގެ ހިޓްވި ލަވަ "ރޯލީމާ" އެވެ. އެއަށްފަހު މޯލްޑިވިއަން އައިޑޮލްގެ އެންމެ އެހީތެރި އަބްދުﷲ ސޯދިގު ވަނީ "ހުވާ ކޮށްފާ ބުނަން" އެވެ.
އެއަށްފަހު ރޮކްސްޓާ މުހައްމަދު މުއައްޒިމް ވަނީ "ނޭނގޭ ގޮތެއްވޭ" އާއެކު ފުރިހަމަ ލަވައެއް ހުށަހަޅައިދީފަ އެވެ. އަމިއްލަ ސްޓައިލަށް ލަވައަކަށް ބަދަލުކޮށްލާ އަބްދުﷲ ފާލިހް ހުށަހަޅައިދިނީ "އާދޭ މިއަދު ދާން" މި ލަވަ އެވެ. ނިއުމާގެ އަސަރުގަދަ ތީމް ލަވައާއެކު ޝޯ އިތުރަށް ފުރިހަމަ ކޮށްދިނީ ފާތިމަތު އަޒްލީމާ އެވެ.
މުހައްމަދު އިޝާން ހުށަހަޅައިދިނީ ގިނަ ބަޔަކަށް ރީތި ލަވައެއް ކަމަށްވާ "މުޅި ޖާން ހިތާ" އެވެ. އެއަށްފަހު އަހުމަދު ނަޒީހް ހުށަހަޅައިދިނީ "ދެރިޔާ" އެންމެ އަސަރުގަދަ އެއް ލަވަ ކަމަށްވާ "މަގެ ލޯބި ދަރިފުޅާ" އެވެ. ތަފާތު ހިތްގައިމު ލަވަތަކެއް ކޮންމެ ހަފުތާއަކު ވެސް ހުށަހަޅައިދެމުން އަންނަ މުހައްމަދު ޒަލީފް ހުށަހަޅައިދިނީ "ފީނާށެ ޖެހުނީ" މި ލަވަ އެވެ. މިރޭގެ އެޕިސޯޑް ނިންމާލީ، ހުނަރުވެރި ލައިޝާ ޖުނައިދުގެ ލަވައިންނެވެ. ލައިޝާ ހުށަހަޅައިދިނީ "އޯގާވެރިވޭ ލޯބިވާ" އެވެ.
މިރޭގެ 10:30 ގައި ފަށާ އެޕިސޯޑުން ވެސް ޝޯއަށް އެއް ބައިވެރިޔަކު އަލްވަދާއު ކިޔާނެ އެވެ. އެންމެ ކަމުދާ ބައިވެރިޔާ ޝޯއިން އިތުރަށް ފެންނަން އެދޭނަމަ މިއަދު ހަވީރު ހަތަރެއް ޖެހުމުގެ ކުރިން އެ ބައިވެރިޔަކަށް ވޯޓް ކުރުމަށް ހަނދާން ނައްތާނުލާށެވެ.
ރާއްޖެގައި ދައްކާ އެންމެ ބޮޑު ފްރެންޗައިޒް ރިއަލިޓީ ޝޯ ގެ ގާލާ ރައުންޑު ދެ ހަފްތާ ކުރިން ފަށާފައިވާއިރު ބެލުންތެރިންނަށް އެތައް ސަޕްރައިޒެއް ވަނީ ލިބިފަ އެވެ. ނަމަވެސް ޕީއެސްއެމްއިން ބުނާ ގޮތުގައި ސަޕްރައިޒްތައް އަދި އޮތީ އެވެ.
ގާލާ ރައުންޑުގައި ބައިވެރިންގެ ތެރެއިން ފަހަރަކު ބައިވެރިއެއް ކަޓައިގެން ދާ އިރު ޝޯ ފިނި ކޮށްލައި ޖަޖުންގެ ގޮތުގައި ސެލެބްރިޓީޒް ވެސް ގާލާ ރައުންޑުގައި އަންނާނެ އެވެ.
ޕީއެސްއެމް އިން ބުނީ މިހާތަނަށް ޝޯއަށް ލިބުން ތަރުހީބު ދެގުނައަށް އިތުރު ވެގެން ގޮސްފައިވާ ކަމަށެވެ.