މޯލްޑިވްސް ޕޮލިސް ސާވިސް

ރަހީނުކުރި މީހާ އައިސީޔޫގައި

އަންހެނަކު ރަހީނުކުރި މީހާއަށް ފުލުހުން ހަމަލާ ދިން ގޮތުން އެ މީހާ ހާލު ގޯސްވެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.

މާލޭގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އަންހެނަކު ރަހީނުކުރީ ށ. މިލަންދޫ، ހެޕީލޭންޑް، އަހްމަދު އަތުހަރު އެވެ.

އޭނާއަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދޭން ފެށީ އޭޑީކޭގައި ފަރުވާ ދިނުމަށްފަހު، ފުލުހުންގެ ބެލުމުގެ ދަށަށް އިއްޔެ ހެނދުނު ގެންގޮސްފައި ވަނިކޮށް ހާލު ގޯސްވުމުންނެވެ.

ފުލުހުން އިއްޔެ ހަވީރު ބުނީ އަތުހާރުގެ ހާލު ރަނގަޅު ކަމަށެވެ. ނަމަވެސް އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ހަވީރު ފިޓް ޖެހިގެން އައިޗީއެމްއެޗަށް ގެންގޮސް އައިސީޔޫއަށް ބަދަލުކުރީ އެވެ.

އަތުހަރަށް އަނިޔާވީ އޭނާ ރަހީނުކޮށްގެން ހުރި އަންހެން މީހާ ސަލާމަތް ކުރުމަށް ފުލުހުން އަތުހަރަށް ނޭނގޭ ގޮތަށް އޭނާގެ ފުރަގަހުން ބޮލުގައި އެއްޗަކުން ޖެހުމާ ގުޅިގެން ބޯ ފަޅައިގެން ދިއުމުން ކަމަށް މައުލޫމާތު ލިބެ އެވެ.

އަތުހަރު ވަނީ އަންހެން މީހާ ރަހީނުކޮށްގެން ގެއިން ނެރުމަށްފަހު ސައިކަލެއްގައި އަންހެން މީހާ ގޮވައިގެން އެހެން ތަނަކަށް ދާން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ފުލުހުން އޭރުވެސް ދިޔައީ އެ ދެ މީހުންގެ ކައިރީގައި ހަރަކާތްތެރިވަމުންނެވެ.

އަތުހަރަކީ މީގެކުރިން ކުރި ކުށެއް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި 2022 ވަނަ އަހަރު ޝަރުތުތަކެއް ކުރުމަށްފަހު މިނިވަން ކުރި މީހެކެވެ.

އަތުހަރު ރަހީނު ކުރި އަންހެން މީހާ އަކީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަންހެން މީހާ ކަމަށް މައުލޫމާތު ލިބެ އެވެ.