ހަބަރު

ބަރަހަނާ ވީޑިއޯތަކެއް ނަގައި ބްލެކްމެއިލްކުރި މައްސަލައެއް ބަލަނީ

ދިވެހި ދެމަފިރިއަކު ލަންކާގައި އުޅެނިކޮށް، އެ ދެ މީހުންގެ ބަރަހާނާ ވީޑިއޯތަކެއް ނަގައި، ބްލެކްމެއިލްކުރި މައްސަލައެއް ދެ ދިވެއްސަކު ލަންކާއިން ހައްޔަރުކޮށްފި އެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ ހަފުތާ ތެރޭގައި ލަންކާ ފުލުހުންނެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވީ އެފަދަ މައްސަލައެއް ލަންކާ ފުލުހުންނާ ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށެވެ. ލަންކާ ފުލުހުންނަށް މި މައްސަލާގެ ތަހުގީގަށް ބޭނުންވާ މައުލޫމާތުތައް ފޯރުކޮށްދެމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ދިވެހި ދެމަފިރިން ބްލެކްމެއިލްކޮށް އެމީހުންގެ އަތުން 64850 ޑޮލަރު ވަނީ އަތުލާފަ އެވެ.

ލަންކާ ފުލުހުން ހައްޔަރުކުރި ދެ މީހުންގެ އަތުން ބައެއް ސިޔާސީ ބޭފުޅުންނާއި ފުލުހުން އަދި ނޫސްވެރިންގެ ބަރަހަނާ ވީޑިއޯތަކެއް ފެނިފައިވާ ކަމަށް ވެސް އެނގިފައިވެ އެވެ. ހައްޔަރުކޮށްފައިވަނީ، އަސްމީން އިސްހާގު ނަމަކަށް ކިޔާ މީހަކާއި އަފްޝަން އަބްދުއްސަތާރު ނަމަކަށް ކިޔާ މީހެކެވެ. އަސްމީން އިސްހާގަކީ މީގެކުރިން ވެސް މިފަދަ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހެކެވެ. އެއީ 2011 ވަނަ އަހަރު ސަރުކާރުގެ ބައެއް އިސްވެރިންނާއި ސިޔާސީ ބޭފުޅުންގެ ބަރަހަނާ ވީޑިއޯތަކެއް ލީކްކޮށް ބްލެކްމެއިލް ކުރި މައްސަލާގަ އެވެ.

އަސްމީން އާއި އަފްޝަން ހައްޔަރުކޮށް، ބަންދުގެ މުއްދަތު ޖެހުމަށް މިދިޔަ ހަފުތާގައި ކޮލަމްބޯގެ ޗީފް މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުން އެމީހުން މި މަހުގެ 26 ނިޔަލަށް ވަނީ ބަންދުގެ މުއްދަތު ޖަހައިދީފަ އެވެ.