ހަބަރު

ސޯޓެއް ވަގަށް ނެގި މީހަކު ތިން މަހަށް ޖަލަށްލައިފި

މަސްމާރުކޭޓުގެ މަތީގައި ހުންނަ "ލިސްޓް" ފިހާރަ ބޭރުގައި ޑިސްޕްލޭއަށް ހަރުގައި ބަހައްޓާފައިހުރި ސޯޓުތަކުގެ ތެރެއިން ސޯޓެއް ވަގަށް ނެގި މީހަކު ތިން މަސް ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ. މި މައްސަލާގައި ހުކުމް އިއްވާފައިވަނީ، ނ.ލަންދޫ/ ފާގަތި އަހުމަދު މައުރޫފްގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނެފައިވާ ގޮތުން މި ކުށަށް މައުރޫފް ވަނީ އިއުތިރާފުވެފަ އެވެ. އެހެންކަމުން ވައްކަމުގެ ކުށް މައުރޫފްގެ މައްޗަށް ސާބިތުވާތީ އޭނާ ތިން މަސް ދުވަހަށް ޖަލަށްލުމަށް ވަނީ ހުކުމް ކޮށްފަ އެވެ.

އޭނާ އެ ކުށް ކޮށްފައިވަނީ 10/68 ގެ ގާނޫނުލް އުގޫބާތަށް އަމަލުކުރަމުން ދިޔައިރު ކަމަށްވީ ނަމަވެސް އަދަބު ކަނޑައަޅާފައިވަނީ މިހާރު އަމަލުކުރަމުން އަންނަ 9/2014 ގާނޫނުލް އުގޫބާތުގެ ދަށުންނެވެ.

މައުރޫފްގެ މައްޗަށް ހުކުމް އިއްވާފައިވަނީ، މުޖުތަމައުގެ މަސްލަހަތަށް ބަލައި ގާނޫނު އަސާސީގެ 59 ވަނަ މާއްދާއިން މައުރޫފު ދެ ފަހަރަށް ވައްކަން ކޮށްފައިވާކަން ސާބިތު ވެފައިވާތީ 9/2014 ވަނަ އަހަރުގެ ގާނޫނުލް އުގޫބާތުގެ 1002 ވަނަ މާއްދާގެ (ހ)ގެ ދަށުންނެވެ.