އޯލެވެލް އަދި އޭލެވެލްގެ ސައްހަ ނޫން ސަނަދުތަކެއް ދައުރުވަމުންދާ ކަމަށް މޯލްޑިވިސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) ހާމަކޮށްފި އެވެ.
ސައްހަ ނޫން ސަނަދުތަކެއް ދައުރުވަމުންދާތީ އެ ސަނަދުތަކާމެދު މަތީ ތައުލީމު ދޭ މަރުކަޒުތަކުން ސަމާލުވުމަށްވެސް އެމްކިޔުއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.
އެ ގޮތުން މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކުން ދަރިވަރުންނަށް ކޯސްތަކާއި ޕްރޮގްރާމްތަކުގެ ޖާގަ ދިނުމުގެ ކުރިން ކޯހުގައި ބައިވެރިވުމަށް ހުށަހަޅާފައިވާ އޯ ލެވެލް އަދި އޭ ލެވެލް ސަނަދުތަކުގެ ސައްހަކަން ކަށަވަރުކުރުމަށް އަންގާފައިވެ އެވެ.
މިކަމާ ގުޅިގެން ކަމާ ގުޅުން ހުރި އިދާރާތަކާއެކު މަޝްވަރާ ކުރަމުންދާ ކަމަށްވެސް އެމްކިޔުއޭ އިން ބުނެފައިވެ އެވެ
އޯލެވެލް އަދި އޭލެވެލްގެ ސައްހަ ނޫން ސަނަދުތަކެއް ދައުރުވަމުންދާ ކަމަށް އެމްކިޔުއޭ އިން ބުނެފައިވާއިރު ރާއްޖޭގައި މަތީ ތައުލީމް ފޯރުކޮށްދޭ ދެ މަރުކަޒަކުން ދޫކޮށްފައިވާ ކަމަށް ބުނާ ފޭކް ސަނަދުތަކެއްގެ މައްސަލަވެސް މިދިޔަ މަހު އެމްކިޔުއޭ އިން ފާހަގަކޮށްފައިވެ އެވެ.
އެ ގޮތުން އެ އޮތޯރިޓީގެ ހިދުމަތަކަށް އެދި ދެ މީހަކު ހުށަހަޅާފައިވާ ލިޔުންތަކަކާ އެކު މަތީ ތައުލީމްދޭ ދެ މަރުކަޒެއްގެ ފޭކް ސަނަދެއް ފާހަގަކުރެވިފައިވާ ކަމަށް އެމްކިޔުއޭ އިން ބުނެ އެވެ.