ހަބަރު

އޭސީ ފެރީގެ ދަތުރުތައް މިއަދު ތިނެއް ޖަހާއިރު އަލުން ފަށާނަން: އެމްޓީސީސީ

ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން އިއްޔެ އިން ފެށިގެން މެދުކަނޑާލާފައި އޮތް ހުޅުމާލެ ޕްރީމިއަމް ލިންކް ފެރީގެ ހިދުމަތް މިއަދު ހަވީރު ތިނެއް ޖަހާއިރު އަލުން ފަށާނެ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އެމްޓީސީސީގެ އޮފިޝަލަކު މިއަދު އަވަސް އަށް ވިދާޅުވީ އޭސީ ފެރީގެ ހިދުމަތް އިއްޔެ ހަވީރު މެދުކަނޑާލަން ޖެހުނީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ. އެ މައްސަލަ ރަނގަޅުކުރަން މިއަދު އެމްޓީސީސީގެ އިންޖިނިއަރުން މަސައްކަތް ކުރި ކަމަށާއި ދިމާވި މައްސަލައަކީ ފަސިންޖަރުންގެ ސަލާމަތާއި ގުޅުން ހުރި މައްސަލައެއް ނޫން ކަމަށެވެ.

ދިމާވި މައްސަލައަކާ ގުޅިގެން "ކޮއިމަލަ" އެކެއް އަދި ދޭއްގެ ދަތުރުތައް މެދުކަނޑާލީ އިއްޔެ ހަވީރު އިރުއޮއްސި ހައެއް ޖަހަނިކޮށެވެ.

"އަޅުގަނޑުމެންގެ އިންޖިނިއަރުން މިހާރު ދަނީ ފެރީއަށް ދިމާވި މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުން. ހަމަ ޔަގީނަށް ވެސް ތިނެއް ޖަހާއިރު ފެރީތަކުގެ އޮޕަރޭޝަން ފެށޭނެ ކަމަށް މި ބަލަނީ،" އެމްޓީސީސީން ބުންޏެވެ.

ޕްރީމިއަމް ލިންކުގެ ނަމުގައި ހުޅުމާލެ އާއި މާލެއާ ދެމެދު ދެ ފެރީއާ އެކު، އޭސީ ފެރީގެ ހިދުމަތް އެމްޓީސީސީން ދޭން ފެށީ މި މަހު ކުރީކޮޅުގަ އެވެ.