މިފްކޯ

މިފްކޯއަށް މަސް ކިރުވި އަދަދު 12.5 ޕަސެންޓް އިތުރުވެއްޖެ

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް -- މިފްކޯއަށް މިދިޔަ ހަފުތާގައި މަސް ކިރުވި އަދަދު 12.5 ޕަސެންޓް އިތުރުވެއްޖެ އެވެ.

މިފްކޯއަށް މިދިޔަ ހަފުތާގައި 467 ޓަނުގެ މަސް ކިރުވާފައިވާއިރު މިއީ އޭގެ ކުރީ ހަފުތާގައި އެ ކުންފުންޏަށް ކިރުވި 415 ޓަނުގެ މަހާ އަޅާބަލާއިރު 52 ޓަނު އިތުރު އަދަދެކެވެ.

މަސް ކިރުވި އަދަދުގެ އިތުރުން މަސް ކިރުވި ދޯނީގެ އަދަދުވެސް އިތުރުވެފައިވާކަން މިފްކޯއިން ވަނީ ފާހަގަކޮށްފަ އެވެ.

އެގޮތުން މިދިޔަ ހަފުތާގައި 192 ދޯނިން މިފްކޯއަށް މަސް ކިރުވާފައިވާއިރު އޭގެ ކުރީ ހަފުތާގައި މަސް ކިރުވީ 119 ދޯނިންނެވެ.

މަސްވެރިން މަހަށް ނިކުތުމަށް ހިތްވަރު ދިނުމުގެ ގޮތުން މިފްކޯއަށް މަސްކިރާ ދޯނިތަކަށް 10 ޓަނާ ހަމައަށް ކްރެޑިޓަށް އައިސް ދޫކުރުމަށްވެސް މިފްކޯ އިން ވަނީ ނިންމާފަ އެވެ.

އެ ގޮތުން ކްރެޑިޓަށް އައިސް ވިއްކާ ދޯނިން މަސް ކިރުމުން މިފްކޯ އިން ބިލް ހަދާނީ ކްރެޑިޓަށް އައިސް ގަތް ފައިސާ ބިލުން އުނިކުރުމަށްފަހު އެވެ.