ރިޒާވް

ރަސްމީ ރިޒާވްގައި އޮގަސްޓް މަހު 444 މިލިއަން ޑޮލަރު

ރާއްޖޭގެ ރަސްމީ ރިޒާވް މި އަހަރުގެ އޮގަސްޓް މަސް ނިމުނުއިރު 444 މިލިއަން ޑޮލަރަށް އިތުރުވެއްޖެ އެވެ.

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޖުލައި މަހާ އަޅާބަލާއިރު ރަސްމީ ރިޒާވް ވަނީ 49 މިލިއަން ޑޮލަރު އިތުރުވެފަ އެވެ. ރަސްމީ ރިޒާވްގައި ޖުލައި މަސް ނިމުނުއިރު ހުރީ 395 މިލިއަން ޑޮލަރެވެ.

ރަސްމީ ރިޒާވްގެ އިތުރުން ޔޫޒަބަލް ރިޒާވް -- ބޭނުންކުރެވޭ ރިޒާވްވެސް ވަނީ އިތުރުވެފަ އެވެ.

ބޭނުންކުރެވޭ ރިޒާވްގައި ޖުލައި މަސް ނިމުނުއިރު ހުރީ 43 މިލިއަން ޑޮލަރެވެ. ނަމަވެސް އޮގަސްޓް މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވް ވަނީ 61 މިލިއަން ޑޮލަރަށް އިތުރުވެފަ އެވެ.

ޔޫޒަބަލް ރިޒާވް އިތުރުވި ނަމަވެސް ޔޫޒަބަލް ރިޒާވްގައި ހުރީ އެއް މަހުގެ އިމްޕޯޓަށް ފުދޭ މިންވަރެވެ.

ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު މިދިޔަ ހުކުރު ދުވަހު އަވަސް އަށް ވިދާޅުވީ ރާއްޖެއަށް ލިބޭ އާމްދަނީ އިތުރުވެ އޭގެ ހެޔޮ ފައިދާ ރިޒާވްއަށް ކުރާނެ ކަމަށާއި ރިޒާވްއަށް ހެޔޮ ބަދަލެއް ގެނެވިފައިވާ ކަމަށް ފަހުގެ ތަފާސްހިސާބުތަކުން ފެންނާނެ ކަމަށެވެ.

ރާއްޖެއިން އެކި ފަރާތްތަކަށް ދައްކަންޖެހޭ ދަރަނި ދެއްކުމަށާއި 2026 ވަނަ އަހަރު އެއް ފަހަރާ ދައްކަންޖެހޭ ސުކޫކުގެ ބޮޑު ޕޭމަންޓް ދެއްކުމަށް މިވަގުތަށް ގޮންޖެހުންތަކެއް ހުރި ނަމަވެސް އެ ފައިސާ ދެއްކޭނެ ކަމުގެ ޔަގީންކަން މިހާރު އެބައޮތް ކަމަށް ފިނޭންސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.