ށ. މިލަންދޫ، ހެޕީލޭންޑް، އަހްމަދު އަތުހަރު މަރުވުމާ ގުޅިގެން އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދައި މިއަދު މާލެ ގެނައުމާ ގުޅިގެން ހަށިގަނޑު މިރޭ ވަޅުލުމަށް ނިންމައިފި އެވެ.
އަތުހަރުގެ ހަށިގަނޑު އިންޑިއާއަށް ގެންދިޔައީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އަތުހަރު މަރުވި ގޮތް ބަލަން އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދީ ހުކުރު ދުވަހު އެވެ.
އަތުހަރުގެ ހަށިގަނޑު މިއަދު މާލެ ގެނެސްފައިވާ ކަމަށް ފުލުހުންވެސް ވަނީ ޔަގީންކޮށްދީފަ އެވެ.
ކަށުނަމާދު ޕޭޖުގައިވާ ގޮތުން އަތުހަރުގެ ޖަނާޒާ އޮތީ މިރޭ 10:00 ޖަހާއިރު އެވެ.
މާލޭގައި މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭ ވަޅިން ބިރު ދައްކައި އަންހެނަކު ރަހީނުކުރި މައްސަލާގައި ދޫނިދޫގައި ހައްޔަރުކޮށްފައި ހުއްޓާ ޖަލު ގޮޅީގައި އަތުހަރު ދަންޖެހިފައި ހުއްޓާ ފެނުނީ މިމަހުގެ އެއްވަނަ ދުވަހުގެ ރޭ 7:02 ހާއިރު އެވެ. އޭނާ މާލެ ގެނެސް އައިޖީއެމްއެޗްގެ އެމަޖެންސީއަށް ވެއްދުނީ އެ ރޭ 7:25 ހާއިރު އެވެ.
އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް އަތުހަރު މަރުވީ މިމަހުގެ ދެވަނަ ދުވަހުގެ ހަވީރު 4:08 ހާއިރު އެވެ.
"މިމައްސަލައާއި ގުޅިގެން މިނިވަން މުއައްސަސާތަކުން ކުރަމުންދާ ތަހުގީގުތަކަށް ދިވެހި ފުލުހުންގެ ހިދުމަތުން ފުރިހަމައަށް އެއްބާރުލުން ދެމުންގެންދާނެ ވާހަކަ ދަންނަވަމެވެ،" ފުލުހުން އެރޭ ނެރުނު ބަޔާނުގައިވެ އެެވެ.
އަތުހަރު ރަހީނުކުރި އަންހެނަކީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު މީހާ ކަމަށް މައުލޫމާތު ލިބެ އެވެ.
މި ދެ މީހުން ކުއްޔަށް ދިރިއުޅެމުން ދިޔަ ގޭގައި އަންހެން މީހާ ރަހީނުކޮށް، ވަޅިން ބިރު ދެއްކުމަށްފަހު އެ އަންހެން މީހާ ގޮވައިގެން ގެއިން ބޭރަށް ނިކުމެ ސައިކަލެއްގައި ދާން މަސައްކަތް ކުރަނިކޮށް އޭނާގެ ފަހަތުން ފުލުހަކު އައިސް ބޮލުގައި އެއްޗަކުން ޖެހުމުން އަތުހަރަށް އެރޭވެސް ކޮންމެވެސް ވަރަކަށް އަނިޔާވެ، ހޮސްޕިޓަލްގައި ފަރުވާ ހޯދާފައިވެ އެވެ.
އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެ އަނިޔާތަކަށް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލުމުންނެވެ.